ޝާމިންގެ ކޮފީގެ ވަހަށް އުފާވެރިކަމެއް ފާޅުވެގެން ދިޔަ މޫނަށް ބަލާލުމަށްފަހު ޝައުފާ ކޮފީތަށްޓެއް ދިއްކޮށްލިއެވެ. "މި ހަމަ ޝާމިނަށް ދޭން ގިރި ކޮފީއެކޭ..."

ކޮފީތަށި އަތުލައިގެން ގޮސް ޝައުފާގެ އެނދުގެ ކަނެއްގައި އިށީނދެ ހަމަޖެހުމުގެ ނޭވާއެއް ލަމުން ޝާމިން ކޮފީ ތަށިން އެތިފޮދެއްގެ ރަހަބަލައިލިއެވެ. "ވާހް. ކޮފީގެ ރަހަ މީރުކޮށް ގިރުމަކީވެސް ހުނަރެކޭ. ކަމަނާގެ އަތުގެ ރަހަ ހަމަ އެއްވަނަ."

"އައްދެ. ކޮފީއަކީ ވަކިގޮތަކަށް ގިރަން ޖެހޭ އެއްޗެއް ނޫން. ކަޅުކޮފީ އާއި ހޫނުފެން ނޫން އިތުރު އެއްޗެއް ބޭނުމެއް ނުވާނެ."

"ކަމަނާއަށް ތިއޮތީ ހަމަ މުޅިން އޮޅިފަ... ހުސް ކޮފީވެސް ނުބައި އަތަކުން ގިރީމަ ހަމަ ވާނީ ނުބައި... މީރެއްނުވާނެ..."

"ޝާމިންގެ ދުލަކުން ނާރާނެ..." ޝައުފާ އޭނަ ކޮފީތަށި ހިފައިގެން އައިސް އެނދުގެ އަނެއް ކަނުގައިއިށީނެވެ.

"އަލަށް ލިބުނު ރަހުމަތްތެރިކަމަށް މަރުހަބާ..." ޝާމިން ޝައުފާގެ ކޮފީތަށްޓާ އޭނަގެ ކޮފީތަށި ޖައްސަމުން ބުނެލިއެވެ.

"ހޫނ... ދެން ކިޔައިދީބަލަ... ކީއްވެގެންނޯ މިހާ ދުވަސްވީއިރު އެއްވެސް މީހަކާ މެރީ ނުކޮށް ތިހުންނަނީ..."

"ކުރިންވެސް ބުނެފިންދޯ.. މަށަކަށް މީހެއްގެ ދަރިއަކަށް އެހާ ބޮޑު ދެރައެއް ދޭކަށް ހަމަ ލާހިކެއް ނޫނޭ... މަ މިއުޅެނީ އަމިއްލަ ހާލައިގެން ނޫޅެވިގެން... އަނތްބަކަށް ހަރަދުކޮށް ދަރިއެއްގެ ޒިންމާ އުފުލާ ވަރަށްވުރެ މަފަކީރު ބަލިކަށިވެފައި ނިކަމެތި.." ޝާމިން ކިޔައިދިނެވެ.

ޝައުފާ އިންތިހާއަށް ޝައުގުވެރިކަމާ އެކު ޝާމިންގެ ވާހަކަ އަޑު އަހަމުން ގެންދިޔައެވެ. ބޮޑު ސްކްރީނުން ފިލްމެއްގެ މަންޒަރުތައް ފެންނަ ފަދައިން ޝާމިންގެ މާޒީގެ އުކެމުންދާ ސޮފުހާތައް ޝައުފާއަށް ފެންނަން ފެށީ އޮޅެމުން ނިއުޅެމުން ދިޔަ ފިލްމެއް ފަދައިންނެވެ.

*** *** **** *** ****

"އަހަރެންގެ ބައްޕައަކީ ލާމު ގަމުގެ ކޮލިގަނޑުވަރު އަހުމަދު ސައްތާރު ސައީދު... އަހުމަދު ސައީދަކީ ބައްޕަގެ ރަސްމީ މަޝްހޫރު ނަން.. އެކަމަކު ބައްޕަގެ އަސްލު ނަމަކީ ސައްތާރު.."

ޝާމިންގެ ބައްޕަ އަކީ ނަން މަޝްހޫރު ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނަ އަމިއްލަ ހިޔާލަށް އިންޖިނިއަރިން މަސައްކަތް ކުރުމުގައި އާދަޔާ ހިލާފު ކުޅަދާނަ ކަމެއް ގުދުރަތުން ދެއްވާފައިވާ ހިޔާލު ތަނަވަސް ތަރައްގީ އާއި ތަހުޒީބުގެ ކުލަވަރާއި ޒަމާނަށް ފެތޭ ފެޝަނަށް ލޯބި ކުރާ މީހެކެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި ރަން އަކުރުން ފަވާލެވުނު އެންމެ ފުރަތަމަ މަތިންދާ ބޯޓެއް ހެދުމުގެ ފަހުރާއި އެންމެ ފުރަތަމަ ފިޝްފައިންޑާއެއް ރާއްޖެ ގެނެސް މަސް އައިންތައް ހޯދުމުގެ ފަހުރާއި އެޒަމާނުގެ އެންމެ ވަރުގަދަ ބޯޓެއް އަމިއްލަ ހަރަދުގައި ގެނެސް އޭގައި މާލެ އާއި އައްޑޫ ފުވައްމުލަކުގެ އިތުރުން ލާމު އަތޮޅާއި ހުވަދު އަތޮޅުގެ ރަށްތަކުގެ އިތުރުން އެބޯޓްގައި އުތުރުގެ ރަށްތަކަށްވެސް މާލެއިން ދަތުރު ކުރެވޭނެ މަގު ހުޅުވާލެއްވި ސައްތާރަކީ އޭރުގެ ގިނަ އަންހެން ކުދިންގެ ހުވަފެނުގެ ރަސްގެފާނެވެ.

"ބައްޕަ އާއި މަންމަ ބައްދަލުވީ ކަސްޓަމްސްގެ ވަޒީފާގައި މަންމަ އުޅުނުއިރު އެތަނުން... ބައްޕަ ދުރުވީ ކިންގް އަށެއް ގެނެސް ކަސްޓަމުން ނެރުނުއިރު ކަސްޓަމަށް ދައްކަން ޖެހުނު ފައިސާ... އަސްލު އަގަށްވުރެ ބޮޑު އަގެއް ނަގާފަައި އޮތީމަ.... އެކަމާ ތަނުގެ މެނޭޖަރާއި ބައްދަލުކުރަން.."

ޝިވާން ކޮފީ ތަށިން އެތިއެތިފޮދުން ބޮމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

ޝިޔާމާއަކީ މާލޭގެ ގަދަރުވެރި މަޝްހޫރު ނަމުންނަމަ މާޖެހި ރަޝާދުގެ ފަސް ކުދިންގެ ތެރެއިން ތިންވަނަ ކުއްޖާއެވެ.

ނަވާރަސަތޭކަ ހަތްދިހައިގެ ފަހު އަހަރުތަކުގައި މުޅި މާލެއަށާއި ރާއްޖެއަށްވެސް ރީތީގެ ލާމަސީލު ނަމޫނާއަކަށްވި ޝިޔާމާއަކީ ޒީލަގަދަ ހޫނު މިޒާޖެއްގެ ވެރިއެކެވެ. އޭނަގެ ޣީރަތްތެރި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަމުގެ ކުރިމަތީގައި ބަސް ކިޔުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއްނޫނެވެ. ހަތްދިހައިގެ އެއަހަރުތަކުގެ ތެރޭގައި ބައެއް ޅެންވެރިންނާއި ލަވަކިޔުންތެރިން ޝިޔާމާގެ ރީތިކަމަށް ތައުރީފުކޮށް ޅެންބައިތުތަކާއި ރައިވަރު ހަދާ ރާގަށް ލަވަ ކިޔާ އުޅުނެވެ. ބުނެވޭ ގޮތުގައި ޝިޔާމާގެ ބައްޕަ ރަޝާދުގެ ވަޑާންކުރުމުގެ ވިޔަފާރި ކުރިއެރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރީ ޝިޔާމާގެ ހުށިޔާރުކަމާއި ބަސްކިޔޭ އިސްނެގުމުގެ ސަބަބުންނެވެ. އެޒަމާނުގައި މަރުވާ މީހުންގެ ސަންދޯއް ޖެހުމުގެ މަސައްކަތް ކުރާ ހަމައެކަނި މީހަކީ ޝިޔާމާގެ ބައްޕަ ރަޝާދެވެ.

އެދުވަހު ސައްތާރު ކަސްޓަމްސްގެ ކައުންޓަރުގައި މެނޭޖަރާއި ބައްދަލުކޮށްދިނުމަށް އެދި ތަންކޮޅެއް ހަރު އަޑުން ވާހަކަ ދެއްކީ އެއްގޮތަކަށްވެސް އެތެރެއިން ޕަރީއެއް ނުކުންނާނެ ކަމަކަށް ނޫނެވެ. ކުޑައިރުކޮޅަކަށްފަހު އެތެރެއިން ނުކުތް ޝިޔާމާގެ ފުރަތަމަ ފެނިލުމުންވެސް ސައްތާރުގެ ހިތް އެދިމާލަށް ދީއްލާލައިފިއެވެ. ޝިޔާމާގެ ހަރުކަށި ބަސްތައް ސައްތާރަށް އިވުނީ ފޮނި އަރާމް ރާގެއްފަދައިންނެވެ.

އެދުވަހަށްފަހު ސައްތާރު ކަސްޓަމަށް ދިއުން އާންމު ވެއްޖެއެވެ. އޭރުވެސް ސައްތާރުގެ ތިން ކައިވެންޏަކުން ލިބިފައިވާ ފަސް ކުދިން ތިއްބެވެ.

ސައްތާރުގެ އެންމެ ދޮށީ އަދި އަލަތު އަނބިމީހާއަކީ ދަރިމައިނުވާ އަންހެނެކެވެ. ކައިވެންޏަށް ފަސް އަހަރުވީއިރުވެސް ދަރިއެއްގެ އުފަލުން އެދެމަފިރިން ތިބީ މަހުރޫމްވެފައެވެ. ބައްޔަކީ ރަހިމުގައި ހުރި ސިސްޓްތަކެއްގެ މައްސަލަކަން އެނގުނުއިރު މާބޮޑަށްވެސް ލަސްވެއްޖެއެވެ.

އަލަތު އަނބިމީހާ ނިޔާވުމަށްފަހު ސައްތާރު ދެވަނަ ކައިވެންޏެއް ކުރީ އަހަރު ދުވަހަށްފަހުއެވެ. އައިމިނައަށާއި ސައްތާރަށް ލިބުނީ އަންހެން ދަރިއަކާއި ފިރިހެން ދަރިފުޅެކެވެ. ދެކުދިންގެ ވަރަށް ތުއްތު އުމުރުގައި ސައްތާރަށް ޖެހުނީ އައިމިނައާ ވަކިވާށެވެ. ސަބަބު އޮތީ ފާޅުވެ ފެންނާށެވެ. ދެކުދިންނާއި ސައްތާރަށްވުރެ އައިމިނައަށް ބޭނުންވީ ކުރީގެ ފިރިމީހާއެވެ.

ސައްތާރުގެ ތިންވަނަ އަނބިމީހާ އޭނާގެ ފަސްވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ނިޔާވުމުން ފަސްކުދިން ބަލާބޮޑުކުރުމަށް އަގު ދީގެން ރަނގަޅު އަންހެނަކު ހޯދިއެވެ. ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމަށްފަހު ރާއްޖޭގެ ރައީސުލްޖުމަހޫރިއްޔާގެ އެޑްވައިޒަރުގެ މަގާމް ފަދަ ބޮޑެތި ޒިންމާ އެއުފުލަނީ ސައްތާރުގެ އެންމެ ދޮށީ އަންހެން ދަރިފުޅެވެ.

"ބައްޕަ އެންމެ ލޯބިވެލައްވާނީ އަސްލު ދައްތަދެކެ.. ދައްތަ މިބުނީ އެޑްވައިޒަރު.. ކުރީގެ ސަފީރު... ޝަކީލާ..." ޝާމިން ކޮފީއާ އެކު ބުއިމަށް ރޯކޮށްލި ސިނގިރޭޓުން ދޫކޮށްލި ދުންތަކަށް ފުމެލިއެވެ. އަނެއްކާވެސް ފުން ނޭވާއެއް ލުމަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަސްލު ދައްތަދެކެ ބައްޕަ އެންމެ ލޯބިވެލެއްވީ..އެކަމަކު އަހަރެން މީ ބައްޕަގެ ލާޑްލާ... ޑެޑީގެ ރަންދަރިފުޅު.."

ޝިޔާމާ އާއި ސައްތާރުގެ ކައިވެންޏަށް ރަޝާދު ކަނޑައެޅިގެން ދެކޮޅުހެދިއެވެ. ރާއްޖެތެރެ އާއި މާލެ އެކައްޗަކަށް ނުވާނެ ކަމަށް ބުނެ ވަލީ ދިނުމަށް ދެކޮޅުހެދިއެވެ.

ޝިޔާމާއަކީ ބޯ ހަރު ގޮތްދޫނުކުރާ މިޒާޖެއްގެ ވެރިއެއް ކަމުން ބައްޕަގެ އެއްވެސް ބަހެއް ޝިޔާމާއަކަށް އަޑެއް ނީވުނެވެ. ޝިޔާމާ އާއި ސައްތާރުގެ ލޯބީގެ ބަގީޗާގައި ފޮޅުނު ވަސްމީރު ތިން މަލަކީ އެދެމަފިރިންގެ މުޅި ދުނިޔެއެވެ. ޝާމިންދެކެ ސައްތާރު އިންތިހާއަށް ލޯބިވެއެވެ.

ޝާމިނަކީ ވަރަށް ކުޑަ އިރުއްސުރެވެސް ފާޑުފާޑުގެ އިލެކްޓްރޯނިކް ސާމާނަށް ފޯރި ހުންނަ ކުއްޖެކެވެ. އެހެންޏާ ގޭގައި މަންމަ ގެންގުޅޭ ވެކިއުމްކްލީނާ ރޫޅާލާނެއެވެ. ނޫނީ ޓީވީ ރިމޯޓް ރޫޅާލައެވެ. އެހެން ނޫނީ ގޭގައި ގެންގުޅޭ ކޮންމެވެސް އެހެން އެއްޗެއް ރޫޅާލާނެއެވެ. ދެން އެއަކާ މެދު ވިސްނާ ވިސްނާ އެއެއްޗެއް ކުރިންވެސް ހުރި ގޮތަށް ރާވާލައެވެ.

ދަރިފުޅުގެ މިޝައުގަށް ބައްޕަ ޣާފިލެއް ނުވެއެވެ. ހަލާކުވެފައި ހުންނަ ބައެއް ކުދިކުދި މައްސަލަ ޖެހިގެން އުކާލާ ފަންކާ މޯޓަރު ފަދަ ތަކެއްޗަކީ ޝާމިންގެ ކުޅޭތަކެތީގެ ގޮތުގައި ބައްޕަ ގެނެސްދޭ އެއްޗިއްސެވެ.

ބައްޕައާ އެކު ބޯޓަށް ގޮސް ޑިންގީ ދުއްވަން ދަސްކުރި އިރު ޝާމިންގެ އުމުރަކީ އެންމެ ނުވަ އަހަރެވެ.

ބޯޓްގައި ރަށަށްކުރާ ދަތުރުތަކުގައި ކަނޑު މަޑު ހިސާބު ތަކުގައި ބައެއް ފަހަރު ބޯޓްގެ ހުންގާނު ޝާމިންގެ އަތަށް ދޭން ފެށިއިރު އެއީ ދިހަވަރަކަށް އަހަރުގެ ކުޑަ ކުއްޖެކެވެ. ސްކޫލުގައި ލާނެތްކަމާއި ސަކަރާތް ޖެހުމަށް ޝާމިން ފާހަގަ ކުރެވުނަސް އަބަދުވެސް މުޅި ކްލާހުން މުޅި ސްކޫލުން ރަންވަނަ ހޯދާ ދަރިވަރުގެ ގޮތުގައިވެސް ޝާމިން ފާހަގަ ކުރެވެއެވެ. މައުލޫމާތުގެ ހަޒާނާއެއް އޭނާގެ ސިކުނޑީގައި ހުރެއެވެ.

ޅައުމުރުގެ ދުވަސްތައް ފަހަނައަޅާ ފުރާވަރުގެ ލާނެތް އުމުރުން ހަޔާތުގެ ފަތްފުށްތައް ޖާގަ ހޯދި އަހަރުތަކުގެ އެންމެ ފަހު އަދި އެންމެ ހާއްސަ އަހަރަކީ ނުވަދިހައިގެ މެދުތެރޭގެ އަހަރެވެ. އެއަހަރަކީ ވަރަށް ގިނަ ގޮތްގޮތަށް ހާއްސަ އަހަރެކެވެ. ދައްތަގެ ކައިވެނި ކުރެވުނީ އެއަހަރު ފެށުނުތަނާއެވެ. އެކި މަންމައިންގެ ވިޔަސް އެއްބަފާކަމުގެ ގުޅުމުގައި ސައްތާރުގެ ދަރިންނަކީ ނަމޫނާއެކެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކުރާ އިހުތިރާމާއި ކަންތައްތަކުގައި ހިއްސާވުމުގައި ފަހަރެއްގައިވެސް އެކަކު އަނެކަކު ތަފާތެއް ނުކުރެއެވެ. ދުނިޔޭގައި ތިބި ދެ ދޮން މަންމައިންނާ ވެސް ކުދިންގެ ގުޅުން ވަރަށް ރަނގަޅެވެ. އޭގެއިން ދޭހަވަނީ ކުދިންގެ ބައްޕަގެ ވިސްނުންތެރިކަމާއި ހަމަހަމަ ކުރުމާއި އެބައްޕަގެ ލޯބިވެތިކަމެވެ.

"ޑޭޑް އަބަދުވެސް ބުނުއްވާނެ މަންމަ ދެކެ އޭ އަލަށްވެސް ޑެޑީއަށް ލޯބިވެވުނީ... ކުރިން މެރީ ކުރިއިރު ނުކުރެވޭ އިހުސާސެއް މަންމައާ ބައްދަލުވުމުން އެނގުނޭ... ވަރަށް ގިނައިން ޑޭޑް އަމިއްލަ ވާހަކަ ޝެއާ ކުރައްވާނެ.."

ޝާމިންގެ އެސްފިޔަތައް ތެމުނުތަން ޝައުފާއަށް ކިތަންމެހާވެސް ރީއްޗަކަށް ފެނުނެވެ.

"ނޭނގެ ކީއްވެގެން ކަމެއް...އަހަރެން ހިތުގެ އަޑިން ލޯބިވާ ކޮންމެ މީހެއް އަހަންނާ ވަކިވެގެން ދަނީ.. ބައްޕަ... ބޭބެ... ދޮންބެ... ދެން... ޔުއާނާވެސް..." ޝާމިންގެ ބަރު ރީތި އަޑު ބެދުނީ ކަރުނައިގެ ތެތްކަން އަރުތެރޭ ހަރުލުމުންނެވެ.

"ޔުއާނާ... އެއީ ކާކު.." ޝާމިނަށް އެހާ އަސަރު އެކުރީ ކާކުގެ ސަބަބުންބާވައެވެ. އެވާހަކަ ދެނެގަންނަން ޝައުފާ އިތުރަށް ޝައުގުވެރިވެއްޖެއެވެ.

"އެއީ 1997... އަހަރެންގެ އުމުރުން އޭރު ނަވާރަ އަހަރުވެއްޖެ... އެއަހަރަކީ އޭލެވެލްގެ އެންމެ ބުރަ އަހަރު..."

އުފާވެރި ހަވީރަކަށް ނިމުން ގެންނަމުން ދުވާލުގެ ރަސްގެފާނު އިރު އޭގެ ރަސްކަމުގެ ދަރުބާރަށް ވަދާއު ކިޔަމުން އޭގެ އެންމެ ފަހު ވާޖިބު އަދާ ކުރުމަށް ވިލާރަތް ކުރަމުން އޮއްސެން ދަނީއެވެ. މަހުގެ ފުރަތަމަ ހަފުތާއަށް ވާތީ އާއިލާގެ ހުރިހާ ކުދިން އެއްސުފުރާއަކަށް އެރުމުގެ ޒަމާންވީ އާދައަށް ކަމޭހިތުމުގެ ގޮތުން ޝާމިންވެސް ތައްޔާރުވަމުން ދިޔައީ ބައްޕަ ކެއުން ހަމަ ޖައްސާފައިވާ ރެސްޓޯރެންޓަށް އަށްގަޑި ބަޔަށް ދިއުމަށެވެ. މަންމަ އާއި ދެ އަންހެން ކޮއްކޮ ގޮވައިގެން ބައްޕަ ދިޔައީ ކާރުގައެވެ. ސައިކަލު ދުއްވަން ދަސްކުރިތާ ހައެއްކަ އަހަރުވި ނަމަވެސް ލައިސަންސް ނެގުނީ އަދި ކިރިޔާ މިއަހަރު ކަމަށްވާތީ އަމިއްލަ ސައިކަލެއް ގަނެދޭން ބައްޕަ ބުނެފައި އޮތަސް އަދި މިވަގުތު ސައިކަލެއް ގަނެދީފައި ނެތުމުން އޭނަ ދުއްވަނީ ބައްޕަގެ ސައިކަލެވެ.

ހެންވޭރު ނަސަންދުރަ ޕެލެސްއާ ދިމާއަށް ދުއްވަމުން ދިޔަ ސައިކަލު ހަމަ ކުއްލިއަކަށް ބްރޭކް ޖައްސަން ޖެހުނީ ސޯސަންމަގު ކޮޅުން ނާދީއާ ޖެހިގެން އޮތް ގޯޅިން ދުވެފައިނުކުތް އަންހެންކުއްޖާ ގައިގައި ނުޖެހި ސަލާމަތް ވުމަށްޓަކައެވެ.

ކުއްލިއަކަށް ބްރެކް ޖައްސާ ސައިކަލް މަޑުކޮށްލި އަޑަށް އެއަންހެން ކުއްޖާ ސިހިގެން ގޮސް ހުއްޓިއްޖެއެވެ. "މޮޔަވީތަ.. މަރުވާނެ ގޮތެއް..."

އައި ރުޅީގައިބާރަށް ހަޅޭއްލަވައިގަތް ޝާމިންގެ އަޑުވެސް ކަރުގައި ތާށިވިއެވެ. ދިމާ ކުރިމަތީގައި ބިރުގެންފައި ހުރި އަންހެން ކުއްޖާގެ ރީތި ދެލޮލުގެ ކަޅިރަވައިގަ އޭނާގެ ހިތް ގައިދުވީއެވެ.

"ސޮރީ..." އަންހެންކުއްޖާގެ އަޑުވެސް އެހާ ހިތްގައިމެވެ.

"ފުރަތަމަ ނަޒަރުންވެސް ޔުއާނާ އަހަންނަށް ހާއްސަވި... އެވަގުތުން ވަގުތަށް އަހަރެން ޔުއާނާގެ ބޭސިކް މައުލޫމާތު އަތުލިން.. އެއީ ހާއްސަ ކުއްޖެއް..."

ޔުއާނާގެ ނަންކިޔާލާ ކޮންމެ ފަހަރަކު ޝާމިންގެ ލޮލުން ތަފާތު ވިދުމެއް ފެނިގެންދެއެވެ. ތެދެކެވެ. އެއީ ހާއްސަ ކުއްޖެއްކަން ޝާމިންގެ މޫނަށް އަރާ ފައިބާ ކުލައިންނާއި އެދެލޮލުން ފާޅުވާ ވިދުން ބުނެދެއެވެ.

"ދެން.. ދެން ކިހިނެއްވީ..." ކެތްމަދުވެފައިވާ ރާގަކަށް ޝައުފާ އަހާލިއެވެ.

"ކޮފީ..." ޝާމިން ދިއްކޮށްލީ ހުސް ޖޯޑެވެ.

"އައްދެ... ތި އެއްވެސް ކަމެއް ނޫން... ޝާމިންގެ ޔުއާނާއަށްވުރެ ކަމުދާ އެއްޗަކަށް މިކޮފީ ނުވިޔަސް އެއާ ގާތް ކުރެވޭތޯ ބަލާނަން... ގެނޭ.." ޝައުފާ ކޮފީ ޖޯޑު އާވިއަރާ ހޫނު ކޮފީ އިން ފުރާލައިގެން އައިސް ޝާމިނަށް ދިއްކޮށްލިއެވެ.

ޔުއާނާ އާއި ޝާމިންގެ ބައްދަލުވުންތަކުގެ ސިލްސިލާ އާއި ޝާމިންގެ ހަޔާތުގެ ވާހަކައަށް އޭނާ ހުރީ ވަރަށްވެސް ބޮޑަށް ޝައުގުވެރިވެފައެވެ.

ޝާމިން ހިނިތުންވެލިއެވެ. ތަފާތު މިޒާޖެއްގެ އެކުވެރިއެކެވެ. ރަނގަޅު ރަހުމަތްތެރިއަކަށް ވާނެކަން ޔަގީނެވެ. އޭނާ ބޭނުންވާ ކަހަލަ ހިތްހެޔޮ އަޅާލާރަހުމަތްތެރިއަކަށް ފުދޭނެކަން ގައިމެވެ.

"ދެން ކިޔާދީބަލަ... ދެން ކިހިނެއްވީ.." ޝައުފާ ކުޑަކުއްޖެއްހެން ކުސް ޖަހައިގަތެވެ.

"އޯކިޑުކީޑުކީ.... މިކިޔާދެނީ.."

ޝާމިންގެ ވާހަކަ އަޑު އެހުމަށް ޝައުފާ ހަމަޖެހިގެން ފާރަށް ލެގިލައިގެން އިށީނެވެ. ރީތި ފިލްމެއް ބަލާ އުސޫލުންނެވެ. ހިނިތުންވެލަމުން ޝާމިން އަނެއްކާވެސް އޭނާގެ މާޒީގެ ސޮފުހާތައް ހުޅުވައިލިއެވެ.

(ނުނިމޭ)