މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މާލޭ ސިޓީ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. މިއަދު ހަވީރު 5:00 ގައި ވޯޓުލުން ނިންމާލައި، ވޯޓު ފޮށިތައް ބަންދުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ދާއިރާތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާ އިރު، އެ އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރެއެވެ. ދާއިރާތަކަށް ހޮވޭ ކެންޑިޑޭޓުން ހިމެނޭނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. އެ މަޖިލީހުގައި 142 މެމްބަރުން ހިމެނެއެވެ.

އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 165 ކެންޑިޑޭޓަކު ވަނީ ވޯޓަކާ ނުލައި އިންތިހާބުވެފައެވެ. އެ ކެންޑިޑޭޓުން އިންތިހާބުވެފައިވަނީ އިތުރު ކެންޑިޑޭޓަކު މަގާމުތަކަށް ކުރިމަތިލާފައި ނުވުމުންނެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާ އިރު، 300 ވޯޓު ފޮށި ބަހައްޓާނެއެވެ.

މިފަހަރުގެ އިންތިހާބު ފާހަގަކޮށްލެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމެއްގެ ގޮތުގައެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.