އިސްލާމީ ތާރީޚު

ދިލައެއް މިލައެއް ނެތް ޝަޚުޞިއްޔަތު

އަބްދުﷲ ފާރޫގް ހަސަން

ޢާލަމްތަކުގެ ވެރި މާތް اللّـه سبحـانــه وتـعــالــى އެކަލާނގެ ރަޙުމަތުގެ ނަބިއްޔާ މިދުނިޔެއަށް ފޮނުއްވިކަމީ އިންސާނިއްޔަތާމެދު ބެހެއްޓެވި އެންމެ ބޮޑު އިޙުސާންވަންތަކަމެކެވެ. ރަޙުމަތުގެ ނަބިއްޔާ ވަޑައިގެންނެވީ ޢާލަމްތަކަށް ދާއިމީ ހިދާޔަތާއި އަލިނޫރާއިގެންނެވެ. އެމާތް ނަބިއްޔާއަކީ އެންމެފުރިހަމަ އިންސާނާއެވެ. ހައްދަވައިފައިވާ ރީތި ސޫރަފުޅަށް ބެލިކަމުގައިވިޔަސްވެހެވެ. އެމާތް ސާހިބާގެ ބުއްދިފުޅުގެ ފުރިހަމަކަމާމެދު ފިކުރު ހިންގައިލިކަމުގައި ވިޔަސްވެހެވެ. ޢިލްމުވެރިކަމުގެ މަތިވެރިކަމަށް ބަލައިލިކަމުގައި ވިޔަސްވެހެވެ. ޚުލުޤުފުޅާއި އުޅުއްވުމުގައި ކުޑަވެސް ދިލައެއް މިލައެއް ނެތްކަމަށް ނަޒަރު ހިންގިކަމުގައި ވިޔަސްވެހެވެ. އިންސާނީ ޙަޔާތަށް ވިސްނާއިރު އިޖްތިމާޢީ ގޮތުންނާއި އިންފިރާދީގޮތުން އެތަކެއް ދާއިރާތަކެއް އެކުލެވިގެންވެއެވެ. އެހުރިހާ ދާއިރާތަކަކަށް ވިސްނައިލި ކަމުގައިވިޔަސް އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަކީ އެއިން ކޮންމެ ދާއިރާއަކުންވެސް އެންމެ ރީތި ނަމޫނާއެވެ. އިންސާނީ ޙަޔާތުގެ އެއްވެސް ދާއިރާއެއް އެމާތް ސާހިބާގެ ރީތި މަގުދެއްކެވުމެއްނެތި ދޫކޮށްލައްވައިފައެއް ނުވެއެވެ. މިކަމަށް އިޝާރަތްކުރައްވައި އަރަހުށި މާތް اللّـه ވަޙީކުރައްވައިފައިވެއެވެ.

"ހަމަކަށަވަރުން اللّـه ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللّـه ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން اللّـه ހަނދުމަކުރާކަމުގައިވާ މީހަކަށެވެ." (الأحــزاب: 21)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އެންމެ މަތިވެރި އެއް އިޢުޖާޒަކީ އެމާތް ސާހިބާ ދެއްވި ކޮންމެ އިރުޝާދަކާ އެއްގޮތަށް ޚުދު އެމާތް ސާހިބާ ޢަމަލުކުރައްވައިފައިވާކަމެވެ. އަރަހުށި މާތް اللّـه سبحـانــه وتـعــالــى ކީރިތި ޤުރްއާނުގައި ވަނީ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ޒާތުފުޅުގެ މިޚާއްޞަކަންވަނީ އަލިކަމުގެ ތެރެޔަށް ގެންނަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނަށް ތަބާވި މީހުން، اللّـه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާ އެކުގައެވެ. އަދި اللّـه ގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ." (يــوسف: 109)

އަރަހުށި މާތް اللّـه، ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޝަޚުޞިއްޔަތުގައި ކުޑަވެސް އައިބެއް ހަޑިހުތުރުކަމެއް ދިލައެއް މިލައެއް ލައްވައިފައެއް ނުވެއެވެ. އެކަލާނގެ ވަނީ އިތުރު ސާހިބާގެ ޝަޚުޞިއްޔަތު ފުރިހަމަ އަލިކަމުގެ ތެރެއަށް ގެންނަވައިފައެވެ. އިންސާނުން ހެޔޮކަމުގެ ނަމޫނާ ލިބިގަތުމަށްޓަކައި އެކަލޭގެފާނުގެ ރީތި ސީރަތުވަނީ އަބަދަށްޓަކައި ރައްކާތެރި ކުރައްވައިފައެވެ. "ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ނަންފުޅު މަތިވެރި ކުރެއްވީމެވެ."

(ســورة الشّـرح: 4)

ދުނިޔެއަށްޓަކައި އަލިކަމުގެ ފަނާރެއް

ކުރީންވެސް ދެންނެވި ފަދައިން އަރަހުށި މާތް اللّـه އިސްލާމްދީނުގެ ނަބިއްޔާ محمّد صلّــى اللّـه عليـه وسلّـم ލައްވައިފައިވަނީ އިންސާނިއްޔަތަށް ދެއްކެވި އެންމެ ފުރިހަމަ ނަމޫނާކަމުގައެވެ. އިންސާނުން ހިނގާންއޮތް މަގަށް އަލިކޮށްދޭ އެންމެ އަލިގަދަ ދަންމަރު ކަމުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އާމެދު އަޅުގަނޑުމެން މުސްލިމުން މިގޮތަށް މި ދަޢުވާކުރަނީ ހަމައެކަނި އަޅުގަނޑުމެންގެ ދީނީ ޖޯޝަކު ނޫނެވެ. ހަމައެކަނި ކަމޭހިތުމާއި ރަނގަޅު ހީތަކުގެ މައްޗަށް ބިނާކޮށެއްވެސް ނޫނެވެ. މިއީ އިންސާނީ ތާރީޚުން އެ ދަޢުވާއެއްގެ ސާބިތު ހެކި ފެންނާންހުރި ޞަރީޙަ ދަޢުވާއެކެވެ.

އިންސާނިއްޔަތަށްޓަކައި ފުރިހަމަ ނަމޫނާއެއްކަމުގައި ބެލެވޭނީ އެމީހެއްގެ ޙަޔާތުނާމާގައި ތިން ޝަރުޠެއް ފުރިހަމަވެގެންނެވެ. އެންމެ ފުރަތަމަ ޝަރުޠަކީ އެމީހެއްގެ ސަވާނިޙު ތާރީޚުގެ ޞަފުޙާތަކުން ފުރިހަމަޔަށް ފެންނާން އޮތުމެވެ. އެމީހެއްގެ ވަނަވަރާއި، އުޅުމާއި ގުޅުމާއި މިހުރިހައި ކަމެއް ތާރީޚުގައި ރެކޯޑު ކުރެވިފައި ފެންނާން އޮތުމެވެ. އިތުބާރު ކުރެވޭފަދަ މުޢުތަބަރު ގޮތެއްގައި އެވާހަކަތައް އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވުމެވެ. ދެވަނަ ކަމަކީ އެމީހަކު ދުނިޔެއަށް ދިން ދަޢުވަތާއި އެމީހަކު ހުށަހަޅައިފައިވާ އިންސާނީ ޙަޔާތުގެ ދުސްތޫރަކީ މުޅި އިންސާނިއްޔަތަށް ޢާއްމު ދަޢުވަތަކާއި ދުސްތޫރެއް ކަމުގައިވުމެވެ. ވަކި ޚާއްޞަ ހިސާބެއްގެ ވަކި ނަސްލެއްގެ ބަޔަކަށް އެކަނި ޚާއްޞަވެފައިނުވާ ޢާއްމު ދަޢުވަތަކާއި ދުސްތޫރެއް ކަމުގައިވުމެވެ. ތިންވަނަ ކަމަކީ އެމީހެއްގެ ސީރަތުން އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާތަކަކަށް މަގު ފެނުމެވެ. މިކަންކަމަށް ބަލާއިރު އިންސާނީ ތާރީޚުގައި އެމީހެއްގެ ޙަޔާތު ފުރިހަމަޔަށް ރެކޯޑުކުރެވިފައިވާ އަދި ހުރިހާ ދާއިރާތަކަކަށް އަލިކަން ލިބޭ ހަމައެކަނި ޝަޚުޞިއްޔަތަކީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އެވެ. އެމާތް ސާހިބާ ފިޔަވައި ދީނީ އެހެން ދާޢީއެއް ނުވަތަ މުސްލިޙެއްގެ ޙަޔާތްޕުޅު ސަނަދަކަށް ބެލެވޭފަދަ އިތުބާރުހުރި ގޮތެއްގައި ރެކޯޑުކުރެވި ރައްކާތެރިކުރެވިފައެއް ނެތެވެ. އެހެން ކޮންމެ ޝަޚުޞިއްޔަތަކާމެދު ވިސްނައިލިކަމުގައިވިޔަސް ޖެހޭނީ މާޔޫސްވާށެވެ. (އިތުރަށް ތަފުސީލު ހޯއްދަވަން ބޭނުންފުޅު ބޭފުޅުން އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް މިފޮތް ވިދާޅުވުން އެދެމެވެ.)

* * * * * * *

އަޚްލާޤިއްޔަތާއި ދީނާއި ރޫޙާނިއްޔަތުގެ ނަމުގައި ރަނގަޅު ރަނގަޅު ވާހަކަތައް ދެއްކުމާއި މުސްތަޙީލު ބާވަތް ބާވަތުގެ ރީތި ފުލޯކުތައް އުފައްދައިލުމަކީ ފަސޭހަ ކަމެކެވެ. ތާރީޚުން އެކަހަލަ މިސާލުތައް ފެނެއެވެ. އަޚްލާޤީ ރީތި އުސޫލުތަކުގެ ވާހަކަ ދައްކަވާ މުޞްލިޙުންނާއި ރޫޙާނިއްޔަތުގެ ނަމުގައި ޖާދޫ ދައްކަވާ މުބައްލިޣުންވަނީ ފެނިފައެވެ. އެކަމަކު ޢާއްމުގޮތެއްގައި އޭގެތެރެއިން ގިނަބޭފުޅުންނަކީ ޢަމަލެއް ނެތް ބޭފުޅުންނެވެ. ޝަޚުޞިއްޔަތު ހުތުރުވެފައިވާ ބޭބޭކަލުންނެވެ. ބޭބޭފުޅުންނެވެ. އަދި ކީއްތޯއެވެ؟ ވާހަކަ ރަނގަޅު ޢަމަލު ނުބައިކަމުގައި ބުނެވޭފަދަ ބޭފުޅުންނެވެ. މީހެއްގެ ބަހާއި އޭނާގެ ދަޢުވާގެ އެންމެ ވަރުގަދަ ހެކިންނަކީ ޚުދު އޭނާގެ ޢަމަލެވެ. އޭނާގެ ޝަޚުޞީ އަޚްލާޤިއްޔަތެވެ. އެކަމާމެދު ގާތްމީހުންދޭ ތެދުވެރި ހެކިބަހާއި ހިލޭމީހުންނަށް ބުނަން މަޖުބޫރުވާ ތެދުބަސްތަކެވެ. މިދެންނެވި މިންގަނޑުތަކަށް ވިސްނާއިރު ތާރީޚުގައި ކުޑަވެސް ދިލައެއް މިލައެއް ނެތްކަން ސާބިތުވާ ޝަޚުޞިއްޔަތަކީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އެވެ. (ޑޮކްޓަރ އެމް. އަޖުމަލު ފާރޫޤީ)

* * * * * * *

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިންވެސް އެމާތް ސާހިބާއަކީ އެމާތް ސާހިބާގެ ޤައުމުގައި ހުންނެވި އެންމެ ބަސްފުޅު ތެދު ސާހިބާއެވެ. އަމާނާތްތެރިކަމުގައި އެފަދަ ދެވަނަ މިސާލެއްނެތް ސާހިބާއެވެ. މިއީ މައްކާގެ އެންމެން ހެކިވާ ކަމެކެވެ. މިތުރުންނެވެ. ހަތުރުންނެވެ. ނަބީކަން ލިބިވަޑައިގެންނެވުމުގެ ކުރީން އެމާތް ސާހިބާ ޤައުމުގެ މީހުންގެ ތެރޭގައި ސާޅީސް އަހަރު ހުންނެވިއެވެ. އެމާތް ސާހިބާއަށް އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ސުވާލު ކުރެއްވެވެން އޮތެވެ. އަހުރެން ދުވަހަކު ދޮގެއް ހެދީމުހެއްޔެވެ. ވަޢުދަކާ ޚިލާފުވީމުހެއްޔެވެ؟ އެއްވެސްކަހަލަ ހުތުރުކަމަކަށް އަރައިގަތިންހެއްޔެވެ؟ ދުވަހަކު ވެރިކަމެއް ބޭނުންވެގެން އުޅުނީމުހެއްޔެވެ؟ ޖަވާބުގައި އެންމެނަށްވެސް ބުނަންޖެހިފައިވަނީ ނޫނެކޭއެވެ. އެހެންކަމުން އިތުރު ސާހިބާ ރިސާލަތާއިގެން ވަޑައިގެން މީހުން އެކަމާ ދެކޮޅުހަދަން ބޭނުންވުމުން އެމީހުންނަށް ދައްކަންޖެހިފައިއޮތީ މުޅިން އެހެން ބާވަތެއްގެ ވާހަކަތަކެކެވެ. އެމީހުން ބުނެއުޅުނީ އެކަލޭގެފާނަކީ ކާހިނެއްކަމުގައެވެ. ސާހިރެއް ކަމުގައެވެ. ޢާއިލާތައް ބައިބައިކުރައްވާ ބޭކަލެއް ކަމުގައެވެ. ކާބަފައިންނަށް ލަޢުނަތްދެއްވާ ބޭކަލެއް ކަމުގައެވެ. އެކަމަކު ޚުދު އެވާހަކަދައްކާ މީހުންވެސް އެއީ ދޮގެއްކަން ގަބޫލުކުރެއެވެ.

އެއްފަހަރަކު ޙައްޖު މޫސުން ކައިރިވާން ފެށުމުން މައްކާގެ މުޝްރިކުން ބައްދަލުވުމެއް ބޭއްވިއެވެ. ބޭރުން އަންނަ މީހުން އިތުރު ސާހިބާގެ ދަޢުވަތަށް އިޖާބަދިނަނުދިނުމަށްޓަކައި އިތުރު ސާހިބާއާ ބެހޭގޮތުން ދައްކާނެ ވާހަކަތަކަކާ ބެހޭގޮތުން އެންމެން އެއްބަސްވުމަކަށް އައުމަށްޓަކައެވެ. އެބައިމީހުން އެންމެންގެ ވިސްނުން އެއްކޮށްލައިގެންވެސް އިތުރު ސާހިބާގެ ޠާހިރު ޒާތުފުޅަށް ނިސްބަތްކުރާނެ އެއްވެސްކަހަލަ އަޚްލާޤީ ކުށެއް ނުފެނުނެވެ. އެއްވެސްކަހަލަ އައިބެއް ނުހޯދުނެވެ. ދެން ވާހަކަދެއްކީ އިސްވެދެންނެވިފަދަ އަސްލެއްނެތް ވާހަކަތައް މީހުންނަށް ކިޔައިދިނުމަށެވެ. ސައްލާގައި ބައިވެރިވި މީހުންކުރެ އެކަކީ نـضــر بــن الحــارث އެވެ. އޭނާއަކީ މައްކާގެ ބޮޑުންކުރެ އިތުރު ސާހިބާއާ އެންމެ ވާދަވެރި އެކެކެވެ. އެކަމަކު އޭނާ ބުންޏެވެ. "އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! محمّد ގެފާނު ތުއްޕުޅުއިރުއްސުރެ އުޅުއްވީ ތިޔަބައިމީހުންގެ ތެރޭގައެވެ. ތިޔަބައިމީހުން އެންމެ ލޯބިވާ އެންމެ ތެދުވެރި އެންމެ އަމާނަތްތެރި އެންމެ ޚުލުޤުފުޅު ހެޔޮ ބޭކަލެއްގެ ގޮތުގައެވެ. މިއަދު އެކަލޭގެފާނު ވަނީ ޒުވާން އުމުރުފުޅު ފަހަނަޅައި ގޮސްފައެވެ. ޙަޔާތްޕުޅުގެ ހަވީރުއަތަށް އަޅައިފައެވެ. މިއަދު އެކަލޭގެފާނުގެ ދެކަންކަށިފުޅުމަތީން ހުދު އިސްތަށިކޮޅު ފެންނާން ފެށުމަށްފަހު އެކަލޭގެފާނަކީ ދޮގުވެރިޔެކޭ، ކާހިނެކޭ ސާހިރެކޭ ޢާއިލާތައް ރޫޅާ މީހެކޭ ކިޔައިފައި ވާހަކަ ދެއްކުމުން މީހުން އެވާހަކަ ގަބޫލުކުރާނެ ހެއްޔެވެ؟ ބަލަގަ އަހަރެންވެސް ތިޔަ ވާހަކަތަކެއް ގަބޫލެއް ނުކުރަމެވެ. އެކަލޭގެފާނަކީ ޖާދޫގަރެއް ކަމަށާއި ސިހުރުވެރިޔެއް ކަމަށާއި ދޮގުހަދާ ފިތުނަވެރިޔެއް ކަމުގައިވާނަމަ ތިޔަބައިމީހުންގެ މުހިންމު މައްސަލަތަކުގައި އެކަލޭގެފާނު ލައްވައި ސަރިޔަތް ކުރުވަނީ ކީއްވެގެންހެއްޔެވެ. އެކަލޭގެފާނަށް
الـصّـادق الأمـيـن ގެ ނަންފުޅުން ނަންދެނީ ކީއްވެގެން ހެއްޔެވެ. ތިޔަބައިމީހުން އެއެއްޗެއް ގެއްލިދާނެތީ ބިރުގަންނަ އަގުބޮޑު ކޮންމެ އެއްޗެއް އެކަލޭގެފާނުގެ އަތްޕުޅުގައި އަމާނަތެއްގެ ގޮތުން ބަހައްޓައިފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟"

(ނުނިމޭ)