މި އަހަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރޭ ވިދާޅުވީ، އެކި ދާއިރާތަކުން ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ހާއްސަ އިސްކަމެއް ދީގެން ލާނިން ޑިސެބިލިޓީ ދާއިރާއިން 46 ސްކޮލާޝިޕް އިއުލާން ކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ. އެއީ ކްލިނިކަލް ސައިކޮލޮޖީން ދިހަ ފުރުސަތު، އެޑިކްޝަން މެނޭޖްމެންޓްގެ ދާއިރާއިން ފަސް ފުރުސަތު، މެންޓަލް ހެލްތުގެ ނާސިން ދާއިރާއިން 11 ފުރުސަތު، ސައިކޭޓްރިކް ދާއިރާއިން ދެ ފުރުސަތު، ސައިކޯތެރަޕީގެ ދާއިރާއިން ދިހަ ފުރުސަތު އަދި މާސްޓާސް ލާނިން ޑިސެބިލިޓީ ދާއިރާއިން އަށް ފުރުސަތެވެ. އެ ސްކޮލާޝިޕް ތަކަށް މިމަހުގެ ނިޔަލަށް ކުރިމަތި ލެވޭނެއެވެ.
"މީގެ ކޮންމެ ސްކޮލާޝިޕަކީ ވަކިތާކަށް އަމާޒުކޮށްގެން އަޅުގަނޑުމެން އިއުލާނު ކޮށްފައިވާ ސްކޮލާޝިޕެއް. އޭގެ ތެރޭގައި މި ހިމެނެނީ ހެލްތު މިނިސްޓްރީގެ އައިޖީއެމްއެޗް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލުތަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް އޮފީސްތައް. އެހެންވީމަ މިތަންތަނަށް ބޮންޑް ކުރެވޭ ގޮތަށް މިސްކޮލާޝިޕްތައް އިއުލާން ކުރީ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން މިއަހަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު އެކި ގައުމުތަކުން ހުޅުވާލައިފައިވާ ކަމަށެވެ.
"މިއަހަރުގެ މިހާތަނަށް އަޅުގަނޑުމެން ވާނީ 108 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފައި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި ހާއްސަކޮށް މެންޓަލް ހެލްތު ނުވަތަ ލާނިން ޑިސެބިލިޓީގެ ދާއިރާއިން މީހުން ބިނާކުރުމަށް އިސްކަންދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު