ޕާސަނަލް ކޮމްޕިއުޓާސް އިން ލެނޯވޯ ބްރޭންޑަށް ހާއްސަ ޕްރޮމޯޝަނެއް ފަށައި، ބްރޭންޑް އެމްބެސަޑަރަކަށް ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ހަމަޖައްސައިފިއެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްބެސަޑަރު ކަމުގެ އެއްބަސްވުމުގައި ޒުވާން މަސްވެރިޔާއާއެކު ސޮއިކޮށްފައެވެ.

ޕާސަނަލް ކޮމްޕިއުޓާސްއިން ބުނީ، އުންމީދަކީ ޒުވާން މަސްވެރިޔާއާއެކު ލެނޯވޯ ބްރޭންޑް އިތުރަށް އިޝްތިހާރުވެގެން ދިއުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޒުވާން މަސްވެރިޔާ ސާޖިން ބުނީ، ޕާސަނަލް ކޮމްޕިއުޓާސްގެ ފުރަތަމަ އެމްބެސަޑަރުކަން އޭނާއަށް ލިބުމަކީ ލިބޭ ޝަރަފެއް ކަމަށާއި، އުންމީދަކީ މަސްވެރި އާއިލާތަކަށް ހެޔޮ އަގުގައި ޕާސަނަލް ކޮމްޕިއުޓާސް މެދުވެރިކޮށް ލެޕްޓޮޕާއި ކޮމްޕިއުޓަރާއި އެނޫންވެސް އެސެސަރީސް ލިބިގެން ދިއުން ކަމަށެވެ.

ޕާސަނަލް ކޮމްޕިއުޓާސްއަކީ ރާއްޖޭގައި ލެޕްޓޮޕާއި ކޮމްޕިއުޓަރު ވިއްކުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެކެވެ.