ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރި އަށް ވަޑައިގަތުމުން އޭނާ އަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޖާބިރަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 19 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެރަށު ޒުވާނުންތަކެއް ނިކުމެ އޭނާ އަށް ވަނީ ހަމަލާދީފަ އެވެ. އަދި ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތަށްވެސް އެދިވަޑައިގެންފަ އެވެ.

އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ޖާބިރު ވިދާޅުވީ، ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށެވެ. އަދި އޭނާ އަށް ހަމަލާދީފައިވަނީވެސް އެ ފިކުރުގެ މީހުން ކަމަށެވެ.