ކައިވެންޏަށް ތައްޔާރުވަމުންދިޔަ މަރާޓީ ބަތަލާ، ބައިވެރިޔާއާއެކު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ޕޫނޭގައި ދިރިއުޅެމުން އަންނަ އިޝްވަރީ ދޭޝްޕާންޑޭ އަކީ މަރާޓީ ފިލްމު ކުޅޭ ބަތަލާއެކެވެ. 25 އަހަރުގެ އިޝްވަރީ އަދި 28 އަހަރުގެ ޝުބަމް ހޯމަ ދުވަހުގެ ފަތިހު މަރުވެފައިވަނީ އެމީހުން ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓު ވެގެންނެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ގޯއާގައި މި އެކްސިޑެންޓު ހިނގާފައިވަނީ އަރްޕޯރާ އަވަށުގެ ކައިރީގައި އޮންނަ ހިމަ މަގަކުން ދުއްވަމުން ދަނިކޮށް ކާރު ކޮންޓްރޯލު ނުކުރެވި މޫދަށް ވެއްޓިގެންނެވެ. ކާރު މޫދަށް ވެއްޓިފައިވާއިރު އޭގެން ސަލާމަތް ވެވޭނެ ގޮތެއް ނެތުމުން މި ދެމީހުން މަރުވެފައިވަނީ ގެނބިގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިޝްވަރީ އަދި ޝުބަމް ގޯއާއަށް ގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އިޝްވަރީ މަރުވެފައިވާއިރު އޭނާ ކުޅެފައިވާ މަރާޓީ ފިލްމަކާއި ހިންދީ ފިލްމެއް އަދި އޮތީ ރިލީސް ނުވެ އެވެ.

އަންނަމަހު މި ދެމީހުން އެންގޭޖު ވާން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި ދެމީހުންގެ މަރުގެ ހަބަރާއެކު އެމީހުންގެ އާއިލާ މިހާރުވަނީ ގޯއާ އަށް ދަތުރުކޮށްފަ އެވެ.