ބޮލީވުޑް ތަރި ސައިފް އަލީ ހާން އަށް މިއީ ކާމިޔާބު އަހަރެއް ކަމަށް ބެލެވިދާނެއެވެ. ލޮކްޑައުންގެ ކުރިން ބެލުންތެރިންނާ ހަމައަށް އައި އޭނާގެ އެންމެފަހު ފިލްމު ''ތާނާޖީ''ގެ ފަހުން އޭނާ ކުޅުނު ''ބޫތު ޕޮލިސް'' ވެސް މިވަނީ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.
''ބޫތު ޕޮލިސް''އަކީ ސައިފްގެ އިތުރުން އަރްޖުން ކަޕޫރު، ޔާމީ ގައުތަމް އަދި ޖެކޮލިން ފެނާންޑިޒް ހަރަކާތްތެރިވެފައިވާ ފިލްމެކެވެ. މިފިލްމުގައި ސައިފް ކުޅެފައިވަނީ ވިބޫތީ ވޭދުޔަ ކިޔާ ހިންދޫ ފަންޑިތަވެރިއެއްގެ ރޯލެވެ. ސައިފްގެ ކެރެކްޓާ އަކީ ހަމައެކަނި ފައިސާގެ ބޭނުމަށާއި ލިބޭ މަގުބޫލުކަމަށް ޓަކައި ފަންޑިތައިގެ މަސައްކަތްކުރަމުންދާ އަދި ދިމާވެދާނެ ނުރައްކަލާއި ދޭތެރޭ އެއްވެސް ފަރުވާލެއް ނުބަހައްޓާ މަސައްކަތްކުރާ މީހެއްގެ ރޯލެވެ. މިފިލްމުގައި ސައިފް ހުށަހަޅައިދީފައިވާ ރޯލު ގިނަބަޔަކަށް ވަނީ ކަމުގޮސްފައެވެ.
ފިލްމުގެ ކާމިޔާބަށްފަހު ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައިވަނީ މި ފިލްމުގެ މަސައްކަތަކީ އޭނާ ވަރަށް ގަޔާވި މަސައްކަތެއް ކަމަށާއި ކާމިޔާބުވާނެ ކަމުގެ އުއްމީދު ވެސް އޮތް ކަމަށެވެ. ބެލުންތެރިން މިފިލްމު ބަލައިގެންފައިވާތީ ސައިފް ހުރީ ވަރަށް އުފަލުންނެވެ. ''ގިނަ ބަޔަކަށް މިފިލްމު ކަމުގޮސްފައިވާތީ އަހަރެމެން މިތިބީ ވަރަށް އުފަލުން، އަދި މި ފިލްމުގެ ސީކުއެލް އެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި'' ސައިފް ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ މިފިލްމުގައި އާއިލާ އެކީ ތިބެގެން ބަލައިލެވޭ ގޮތަށް މަޖާ އަދި ބިރުވެރި މަންޒަރުތައް ގެނެސްދެވިފައިވާ ކަމަށާއި، ކުޑަކުދިންނާއެކުވެސް ބަލައިލެވޭ ގޮތަށް ބިރުވެރި މަންޒަރުތައް ހިމެނިފައިވާ ކަމަށެވެ. މި އިންޓަވިއުގައި އޭނާވަނީ ފިލްމުގައި އެކުގައި ހަރަކާތްތެރި ވި އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާއްސަކޮށް އަރްޖުން ކަޕޫރާއެކު މަޖާ ވަގުތުތަކެއް ހޭދަކުރެވިގެން ދިޔަ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން