މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ވާނީ ވަރަށް ތަފާތު ޕާޓީއަކަށް ކަމަށާއި އެޕާޓީ ވާނީ އެހެން ސިޔާސީ ޕާޓީތައް ހޭލައްވާނެ ޕާޓީއަކަށް ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް މިރޭ ވިދާޅުވީ އެމްއެންޕީ އުފައްދަން ނިންމީ ގައުމީ ރޫހުގައި މަސައްކަތް ކުރާނެ ވަކި ފިކުރެއް އުފެއްދުމަށް ކަމަށެވެ. އެމްއެންޕީއަކީ ގައުމީ ޕާޓީއެއްކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަށްވެސް އެމްއެންޕީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެމްއެންޕީ ވާނީ ސިޔާސީ ދާއިރާގައި ތަފާތު ޕާޓީއަކަށް ކަމަށެވެ.
"އެމްއެންޕީ ވަރަށް ތަފާތުވާނެ. އިރާދަކުރެއްވިއްޔާ މި ޕާޓީވާނެ އެހެން ޕާޓީތައް ހޭލައްވާނެ ޕާޓީއަކަށް" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އެމްއެންޕީއަކީ ހުރިހާ އެންމެނަށްވެސް ފުރުސަތު އޮތް ޕާޓީއެއް ކަމަށާއި އެޕާޓީގެ ލީޑާޝިޕަކީ ބަދަލުވާނެ ލީޑަޝިޕެއް ކަމަށެވެ. އެގޮތުން ޕާޓީގެ އެންމެ އިސް މަގާމުތަކުގައި ތިވެބޭނީ ގިނަ ވެގެން ފަސް އަހަރުގެ ދެ ދައުރުގައި ކަމަށެވެ. އަދި ޕާޓީގެ މަގާމުތަކަށް އިންތިހާބު ކުރާ މެމްބަރުން ޕާޓީގެ ސުލޫކީ ކޮމިޓީން ވަކިނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ އެމްއެމްޕީއަކީ ލީޑަރުން އުފައްދާނެ ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ އެއްވެސް މީހެއްގެ ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު