ޚަބަރު

ހައި ކޯޓުގެ ރަޖިސްޓްރާގެ ޝަކުވާއެއް ނާޒިމް، ޑީޖޭއޭއަށް ހުށަހަޅުއްވައިފި

މުހައްމަދު އިޝާން

ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާއާ ގުޅޭ ޝަކުވާއެއް ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅުއްވައިފިއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާއަށް އެޑްރެސް ކުރައްވައި ނާޒިމް ފޮނުއްވި ސިޓީގައި ކުރި ޝަކުވާއަކީ، ހައި ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވާ އިރުވެސް ނާޒިމް ވަކާލާތު ކުރައްވާ ހުރިހާ މައްސަލައެއް ވަކި އެއް ފަނޑިޔާރުންތަކަކާ ހަވާލުކުރާކަމުގެ ޝަކުވާއެވެ. އެގޮތުން ފަނޑިޔާރު މުހައްމަދު ފައިސަލް އިންނަވާ ބެންޗަކަށް ނޫނީ މައްސަލަ ނުދާތީ، އެ މައްސަލަ ތަހުގީގުކޮށްދޭން ނާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ނާޒިމް ފޮނުއްވި ޝަކުވާގެ ސިޓީގައި، އޭނާ ހައި ކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ދިހަ މައްސަލައެއްގެ ގަޒިއްޔާއާއި އެ މައްސަލައިގައި ފަނޑިޔާރު މުހައްމަދު ފައިސަލް، އެ މައްސަލަ ބައްލަވާ ބެންޗުގައި ނުވަތަ ބެންޗުގެ ރިޔާސަތުގައި އިންނަވާކަން ފާހަގަކުރައްވާފައިވާ ތާވަލެއް ވެސް ހިމަނާފައި އޮތެވެ. އެއިން ނާޒިމްގެ މުވައްކިލާ އެއްކޮޅަށް މައްސަލަ ނިމުނީ ދެ މައްސަލައެއްގައި އެކަނިކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މީގެ ކުރިން ނާޒިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައި ކޯޓަށް ހުށަހަޅާ މައްސަލަތައް ވަކި ފަނޑިޔާރަކާ ހަމައަށް ގެންގޮސްދެނީ ކޯޓުގެ ރަޖިސްޓްރާއެވެ. އެ މޭރުމުން ނާޒިމް ވާހަކަފުޅުދައްކަވަން ފެށީ ހައި ކޯޓުގެ ރަޖިސްޓްރާ އާއި ނާޒިމްގެ ޗެޓްލޮގުތަކެއް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއްމުކުރެއްވި ދުވަހުން ފަށައިގެންނެވެ. ޝުޖާއު އެ ޗެޓްލޮގްތައް ލީކުކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ނާޒިމު ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވައި ނާޒިމް އޭރު ވިދާޅުވެފައި ވަނީ، ރަޖިސްޓްރާއާ ވާހަކަދެއްކުން އެއްވެސް ގާނޫނަކުން މަނާކޮށްފައި ނުވާނެ ކަމަށެވެ. އަދި މެސެޖުގައި ފަނޑިޔާރު މުހައްމަދު ފައިސަލް އިންނަވާ ބެންޗަކަަށް އޭނާ ހުށަހަޅާ މައްސަލަތައް ނުދިނުމަށް އެދުނީ ހައި ކޯޓަށް އޭނާ ހުށަހަޅާ ހުރިހާ މައްސަލައެއްހެން ފަނޑިޔާރު މުހައްމަދު ފައިސަލް އިންނަވާ ބެންޗަށް ދާތީ ކަމަށެވެ.