ރާއްޖެއާއި ސްވިޒަލެންޑާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޮވިޑް-19 ޓްރެވަލް ސެޓްފިކެޓުގެ ނިޒާމެއް ގާއިމުކުރުމުގެ ޝައުގުވެރިކަން ދެ ގައުމުގެ ރައީސުން ފާޅުކުރައްވައިފިއެވެ.
އެ މަޝްވަރާތައް ކުރައްވާފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ހުލާސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްވިޒްލޭންޑުގެ ރައީސްއާ ދެމެދު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހިޔާލު ބަދަލުކުރައްވައިފައެވެ. އެގޮތުން ކޮވިޑް-19 ޕެންޑަމިކާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުޟޫއުތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ސްވިޒަލެންޑުގެ ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވައި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށް ޓަކައި ސަރުކާރުން އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކުގެ މައުލޫމާތު ސްވިޒަލެންޑުގެ ރައީސްއާ ހިއްސާކުރައްވައިފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމާ ގުޅޭ ގޮތުން ދެ ގައުމުގެ ރައީސުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ރާއްޖެއާއި ސްވިޒަލެންޑާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޮވިޑް-19 ޓްރެވަލް ސެޓްފިކެޓުގެ ނިޒާމެއް ގާއިމުކުރުމަށް ދެ ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ރައީސް ސޯލިހު ވަނީ، ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ތަގައްޔަރުވުން ހުއްޓުވުމުގެ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތަފުސީލު ވެސް ސްވިޒަލެންޑުގެ ރައީސާ ހިއްސާ ކުރައްވައިފައެވެ.
ކްލައިމެޓް އިމަޖެންސީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވާ ކުލައިމެޓް ފައިނޭންސިންގެ މައްސަލަ ހައްލުކޮށްދިނުމަށް ޔޫރަޕުގެ އިއްތިހާދުގެ އިސްނެގުމުގެ މަތިން ކުރަމުން އަންނަ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.
ސްވިޒަލެންޑުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030ގެ ނިޔަލަށް 45 ޕަސެންޓް ދަށްކުރުމާއި އަދި 2050 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ހާސިލުކުރުމުގެ އަމާޒަށް ގައުމުތަކުން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ހުރިހާ ބާވަތެއްގެ އަމަލުތައް ހުއްޓުވުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު