ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގައި ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ކަމަށާއި މިފަދަ ހަމަލާ ދޭތަން ބަލަން ނުތިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ މިއަދު ދިވެހި ބަހުން ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ ޓެރަރިޒަމް ކަމަށެވެ.
ރައީސް ވިދާޅުވީ ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް ކަމަށާއި ރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއް ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެވެސް ސަލާމަތް ނުވި ކަމަށް ވިދާޅުވިއެވެ.
"މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް. މިފަދަ ހަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން އަޅުގަނޑުމެނެއް ނުތިބޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ މާނައެއްގައި އަދި ހުރިހާ ސިފައެއްގައި ރާއްޖެއިން ޓެރަރިޒަމް ކުށްވެރިކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައާއެކު ފުރިހަމައަށް އެއްބާރުލުންދީގެން ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.
މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައިގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތް މީހަކަށް ދައުވާކޮށްފައެވެ. ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ. އެމީހުން ޝަރީއަތްވެސް މިހާރު ވަނީ ފަށައިފައެވެ.
މީގެ އިތުރުން ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ އިސްހާގުގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ.
މި މައްސަލައިގައި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން އޭނާއަށް ދައުވާކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަންދުގައި ދެން ތިބީ، ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު