ސްޕެއިންގެ އީއޭއެސް ބާސެލޯނާ ޔޫރަޕިއަން އޭވިއޭޝަން ސްކޫލުން އޯޕެން ޑޭ އިވެންޓެއް ރާއްޖޭގައި ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި މި އިވެންޓަކީ އީއޭއެސްގައި އަލަށް ބައިވެރިވާ ދަރިވަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުގެ ފްލައިން ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެކެވެ.

މި އިވެންޓުގައި ވާހަކަދައްކަވަމުން އީއޭއެސް ބާސެލޯނާގެ ސީއީއޯ ހޯހޭ ގާސިއާ ވިދާޅުވީ، ބާސެލޯނާ އޭވިއޭޝަން ސްކޫލުން ޕައިލެޓުކަން ކިޔެވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިފަހަރު ހުޅުވާލާ މި ފުރުސަތާއެކު، ކޯސްތަކުގައި ދަރިވަރުން އެންރޯލްވުމުން ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެއިން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެންރޯލްވާ ދަރިވަރުންނަށް 2500 ޔޫރޯގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށާއި ބޭނުންވަނީ ވީހާވެސް ގިނަ ދަރިވަރުންތަކަކަށް އެ ސްކޫލުން ކިޔެވުމުގެ ފުރުސަތު ފަހިކުރުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުންވެސް، އީއޭއެސްގެ ފްލައިން ކޯސްތަކުގައި އެންރޯލްވެ ކިޔަވަމުން އަންނަ ދަރިވަރުންނަށް އަމިއްލަ ވަޒަނުގައި ކިޔެވޭ ފަދަ އިހުސާސްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް އެ ސްކޫލުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ހޯހޭ ވަނީ ދެއްވައިފައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ބާސެލޯނާ އޭވިއޭޝަން ސްކޫލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭގެ އިވެންޓުގައި 140 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި އައްޑޫގައި ހިންގާ އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ސްކޫލުގެ ވަރަށް ގިނަ ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި އެންރޯލްވާ ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން މިއަދުވެސް ހޮޓެލް ޖެންގައި ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރުވެސް އެ ސްކޫލުގައި ދިވެހި ދަރިވަރުންތަކެއް ކިޔަވަމުން އަންނަ އިރު، މި ދާއިރާއިން ކުދިންނަށް އިތުރަށް ކިޔަވައިދީ ތަމްރީނުކޮށް ނެރެދިނުމަކީ އެ ސްކޫލުގެ އެއް އަމާޒު ކަމަށްވެސް ރޭގެ އިވެންޓުގައި ފާހަގަކޮށްފައިވެއެވެ.