އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވައިފި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ސަގާފަތް އޮންނަ ގޮތުން ރައީސް ކަމަށް ހޮވިވަޑައިގަތުމަށްފަހު އެބޭފުޅަކު އެންމެ ފުރަތަމަ ދަތުރު ކުރަންވަން ޖެހިވަޑައިގަންނަވާނީ އެބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމަކަށެވެ. ނަމަވެސް އެއީ އެ ގައުމަކުން ރަސްމީކޮށް ދައުވަތު ދެއްވުމުންނެވެ.
ރައީސް ސޯލިހު، ޝާހިދަށް ދައުވަތު ދެއްވީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި ޝާހިދާ ބައްދަލު ކުރައްވަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކު ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގަ އެވެ.
ރައީސް ސޯލިހު ވަނީ ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވަނީ، 2022 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވަނީ އެމަނިކުފާނު އެ މަގާމަށް ކުރިމަތިލެއްވުމާއި ހަމައިން ފެށިގެންވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށް ޓަކައި ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ދިވެހި ދަރިޔަކަށް ވެ އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއް ކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ގައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ގާއިމު ކުރުމަށް ކަމުގައި ޝާހިދު ވިދާޅުވި އެވެ.
"އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ކާމިޔާބުކުރެވުމުން ރަމްޒުކޮށްދެނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގަނެފައިވާ ކަން. މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ހާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރޭ." ޝާހިދު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެ އިގުތިސޯދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ރައީސް ސޯލިހު ނަންގަވާފައިވާ މުހިންމު ފިޔަވަޅުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް