ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުމަށް ދޫކުރާ ރަށްތައް އިއުލާންކުރުން ޓޫރިޒަމް މިނިސްޓްރީން ފަސްކޮށްފިއެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރަން ނިންމާފައިވާ އެއް މަސައްކަތަކީ ރިއަލް އެސްޓޭޓް ޓޫރިޒަމެވެ. ދައުލަތަށް އާމްދަނީ ހޯދަން މިއަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީވެސް އެއީއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި މިއަހަރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 150 މިލިއަން ރުފިޔާ ލިބޭނެއެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، ރިއަލް އެސްޓޭޓަށް ދޫކުރާ ރަށްތައް ހުސްވި އޮގަސްޓު މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.
ނަމަވެސް އެއްވެސް ރަށެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ، ރަށްތައް އިއުލާން ކުރުމުގެ ކުރިން ކުރަންޖެހޭ އިދާރީ ބައެއް މަސައްކަތްތައް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ރަށްތައް އިއުލާން ކުރެވޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. ސީދާ ތާރީހެއް ނުދެއްވައެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދޫކުރާނެ ރަށްތައް އިއުލާން ނުކުރި ނަމަވެސް، ހއ. ފިއްލަދޫއާ ގުޅިފައި އޮތް ދައްޕަރު ތަރައްގީ ކުރަން ގަސްދުކުރަނީ އެ މޮޑެލްއަށް ކަމަށް ސަރުކާރުން މިމަހު ވަނީ ބުނެފައެވެ.
އެގޮތުން ދައްޕަރުގެ މަސައްކަތް ރާވާފައި އޮތީ ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތައް އަޅައިގެން ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގާ ގޮތަށް ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު