ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭ ގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވާކުގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި ކަަމަށާއި އަންނަ އަހަރު ފެށިގެންދާނީ މި ޕޭ ޕްރޭމްވޯކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސިވިލްސާވަންޓުގެ މުސާރަ އާއި އިނާޔަތްތަކާ މެދު ހިތްހަމަ ނުޖެހިގެން ސިވިލްސާވަންޓުން ވަނީ އިއްޔެ އިހުތިޖާޖު ކޮށްފަ އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭ ގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯކުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ. އަދި އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށާއި މި އާ ޕޭ ފްރޭމްވާކުގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ޕޭ ފްރޭމްވޯކުގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށްވެސް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށާއި މިގޮތަން ކަނޑައަޅާ މުސާރަ އާއި އިނާޔަތްތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ ތަފާތު ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިމަތި ލާން ޖެހޭނެ ޖިސްމާނީ ބުރަތަކަށް ރިއާޔަތް ކޮށްގެން ކަނޑައެޅޭނެ މުސާރަ އާއި އިނާޔަތްތަކެއް ކަމުގައިވާނެ ކަމަށްވެސް މަބުރޫކު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި އާ ޕޭ ފްރޭމްވޯކަށް މުވައްޒަފުން ބަދަލުވުމުގެ މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ. މި އާ ޕޭ ފްރޭމްވޯކުގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަބްރޫކު ވަނީ ކޮވިޑް-19ގެ ދަތި ހާލަތުގައި ވެސް ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް ސަރުކާރުން ދީފައިވާ ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން މަބުރޫކު ވިދާޅުވީ މިނިމަމް ވޭޖެއް (އެންމެ ކުޑަ ވެގެން ދެވޭނެ މުސާރަ) ކަނޑައަޅައި މިއަހަރުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށާއި މި ކަމުގެ ސަބަބުން ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު