ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
މެންބަރު ހަލީމު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ދިވެހި ގައުމު ހިންގުމުގެ އެންމެ ބޮޑު ޒިންމާއެއް އަބަދުވެސް އުފުލަމުން އަންނަ އެއްބަޔަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ވާ އިރު، އެމީހުންނަށް ދޭ އުޖޫރައަކީ އެކަށީގެން ވާ އުޖޫރައެއް ނޫންކަން އެމްޑީޕީން އަބަދުވެސް ދެކޭ ކަމަށެވެ.
އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް، އެމީހުންގެ މުސާރަ އާއި އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހު ލަސް ނުކޮށް ނިންމުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ބުނެފައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަސްކުރުމަށް ގޮވާލައި މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވާ އިރު، އެ މައްސަލައިގައި ސިވިލް ސާވަންޓުން އިއްޔެ ވަނީ ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖަކަށް ނުކުމެފަ އެވެ.
އެ އިހުތިޖާޖުގައި ސިވިލް ސާވަންޓުން ވަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިވިން އެލެވެންސް ދޭ ގޮތަށް އެމީހުންނަށްވެސް ލިވިން އެލެވެންސް ދިނުމަށާއި މިނިމަމް ވޭޖް ކަނޑައަޅައި ސެޓުފިކެޓުތަކަށް މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފައެވެ.
އޭގެ އިތުރުން ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސްކޫލުތަކުގައި ތިބޭ އިދާރީ މުވައްޒަފުންނަށް އިތުރު އެލެވެންސެއް ދިނުމަށް ވެސް އަންނަނީ ޑިމާންޑު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު