އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވާނީ ދިވެހި ބަހުން ކަން އެނގިއްޖެ އެވެ.
މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސޯލިހު ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިއުޔޯކަށް ވަޑައިގެންފަ އެވެ.
ރާއްޖޭގެ ރައީސަކު އދ ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު މި ކުރައްވަނީ 15 އަހަރަށް ފަހު އެވެ. މީގެ ކުރިން އދ.ގެ އާންމު ޖަލްސާއެއްގައި ދިވެހި ބަހުން ތަގުރީރު ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެއީ 2006 ވަނަ އަހަރު އެވެ.
ރައީސް ސޯލިހު ދިވެހި ބަހުން ތަގުރީރު ކުރެއްވުމަށް ނިންމަވާފައިވާއިރު މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެހެން ކަމުން މިއީ ރާއްޖެއަށް ތާރީހީ ވަގުތުކޮޅަކަށް ވެން ދާނެ އެވެ.
ގައުމުތަކުގެ ރައީސުން އެ ގައުމެއްގެ އަމިއްލަ ބަހުން އދ ގައި ތަގުރީރު ކުރެއްވުމަކީ މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. އެކަން އެހެން ކުރައްވަނީ އަމިއްލަ ބަހާއި ސަގާފަތަށް، ގައުމިއްޔަތަށް އިސްކަން ދެއްވުމުގެ ގޮތުންނެވެ. މި ގޮތަށް އަމިއްލަ ގައުމުގެ ބަހުން ތަގުރީރުކުރައްވާ އިރު، ޖަލްސާގެ އެހެން ބައިވެރީންނަށް އެ ދައްކަވާ ވާހަކަފުޅު މާނަކޮށްދިނުމަށް ތަރުޖަމާނެއް ހުންނާނެ އެވެ. ތަރުޖަމާ ކުރިޔަށް ދާނީ އިނގެރޭސީ ބަހުންނެވެ.
ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު