ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ޅ. މާބިންހުރަ އަށް ދަތުރު ކުރި ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިފި އެވެ.

މި ކޮޅުވެއްޓި އަކީ ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓި އެކެވެ.

އެމްއެންޑީއެފް އިން ބުނީ 35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 02:45 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެ ސަަރަހައްދަށް ގޮސްފައިވާ ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ.މާފިލާފުށި ކައިރިން ކަމަށެވެ.

މިއަދު ހެނދުނު 06:51 ހާއިރު މި ކޮޅުވެއްޓި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މާލެއިން މާބިންހުރަ އަށް ދެ ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި ތިބީ ބަންގްލަދޭޝްގެ ތިން ފަޅުވެރިންނާއި ދިވެއްސެކެވެ. މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.