ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ 97 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ޕަމްޕު ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތުގެ 83 ޕަސެންޓްވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުގައި ދުއްވޭ ގޮތަށް 17,776 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުންވެސް ހިމެނެއެވެ.

އޭގެ އިތުރުން މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫއަކީ 41.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.