މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި 24 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓަރު ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާ ކުރައްވައިފިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ހާބާ މާސްޓަރުގެ ގޮތުގައި، ކެޕްޓަން އަހުމަދު ރަޝީދު އެމްްޕީއެލްއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރެވެ. އެމްޕީއެލުން ބުނީ އެ ކުންފުނިން ފާއިތުވި 24 އަހަރު ހޯދި ކުރިއެރުންތަކުގައި، ކެޕްޓަން އަހުމަދު ރަޝީދުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން ޕައިލަޓޭޖް އެންޑް މެރިން ސާވިސަސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މެރިން އޮޕަރޭޝަންސްތައް ހަރުދަނާކޮށް، އެ ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރުމުގައި، ކެޕްޓަން އަހުމަދު އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭނާ ފާހަގަކުރެވިފައިވަނީ ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓައި، މަސައްކަތުގެ މައްސޫލިއްޔަތުތައް ވަރަށް ރަނގަޅަށް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާކުރެއްވުމާ ގުޅިގެން، އެމްޕީއެލް އިން އެކަން ފާހަގަކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް، ހާއްސަ ޝީލްޑަކާއި ހަނދާނީ ފިލާއެއް ދީފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވަނީ ހާބާ މާސްޓާރުގެ މަގާމަށް މީހަކު އައްޔަންކޮށްފައެވެ. އެގޮތުން މެރިޓައިމް ދާއިރާގެ 30 އަހަރުގެ ތަޖުރިބާ ހުރި ކެޕްޓަން ހަސަން ޒަރީރު ވަނީ މި މަގާމަށް އައްޔަން ކުރައްވައިފައެވެ.
ކެޕްޓަން ހަސަން ޒަޒީރު އެންމެ ފަހުން މަސައްކަތްކުރެއްވީ އެސްޓީއޯގައެވެ. އޭގެ ކުރިން ސިންގަޕޫރުގެ އޭޕެކްސް ޝިޕް މެނޭޖްމަންޓް ކުންފުންޏާއި މޯލްޑިވްސް ނެޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓަޑުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު