މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި ހިންގި ކަންތައްތަކުގައި ބައެއް މީޑިއާތަކުން ކަންތައް ކުރިގޮތް ބަލައި ދިނުމަށާއި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ މެމްބަރު އިބްރާހިމް ޝުޖާއު އެރޭ އެތަނަށް ވަޑައިގެން ކަންތައް ކުރެއްވި ގޮތް ބަލައި ދިނުމަށް ކަމާބެހޭ މުއައްސަސަތަކަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.
ފިޔަވަތީގެ ކުދިންތަކެއް އެތަނުގެ ފާރުމައްޗަށާއި ފުރާޅުމައްޗަށް އެރުމުގެ އިތުރުން ބައެއް ތަންތަން ހަލާކުކޮށް، އަލިފާން ޖެހި ހާދިސާގެ މައްސަލަ ބެލުމަށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެހާދިސާއާ ގުޅިގެން ބައެއް މީިއާތަކުން އަމަލުކޮށްފައިވާ ގޮތް ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ފިޔަވަތީގައި އެހާދިސާ ހިނގަމުންދިޔަ ވަގުތު ސިޓީ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު އެތަނަށް ވަޑައިގެން، އެ އިމާރާތުގެ ތެރެއަށް ވެދެވަޑައިގަތުމުގެ އިތުރުން ކުދިންނާ މުއާމަލާތްކޮށް، އެސަރަހައްދަށް މީހުން އެއްކޮށް، އެތަނަށް މީހުން ވެއްދުމަށް މަސައްކަތް ކޮށްފައިވާތީ އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މިދެ ހުށަހެޅުން ހުށަހަޅުއްވަމުން އެ ކޮމިޓީގެ މެމްބަރު، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ އެހާ ކަންބޮޑުވާ ހާދިސާއެއް ހިނގައިގެން އުޅުނުއިރު ބައެއް މީޑީއާތަކުން ކަންތައްތައް ކޮށްފައިވާ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އެހާދިސާ ހިނގަމުންދިޔަތަން ވީޑިއޯކޮށް އަދި ފޮޓޯ ނަގައިގެން ބައެއް ނޫސްވެރިން އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަތައް ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިޔަވަތީގެ ހާލަތު އިތުރަށް ގޯސްވެ، މިއަދުވެސް ވަނީ އެތަނުގެ ކުދިން ހަމަނުޖެހުން ހިންގައިފައެވެ. އަދި މިއަދު ހިންގި ހަމަނުޖެހުމުގައި އެތަނުގެ އެއް ކުއްޖަކަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު