މުނިފޫހިފިލުވުން

ބިގްބޮސް އޯޓީޓީ ކާމިޔާބުކުރީ ދިވްޔާ އަގަރްވާލް، ބިގްބޮސް 15 ދައްކަން ފަށާނީ އޮކްޓޫބަރު 2ގައި

''ބިގްބޮސް އޯޓީޓީ'' ދިވްޔާ އަގަރުވާލް ކާމިޔާބުކޮށްފިއެވެ.

އެހެނިހެން އަހަރުތަކެކޭ ހިލާފަށް މިއަހަރުގެ ބިގްބޮސްގެ އިތުރު ޝޯއެއް ކަމަށްވާ ''ބިގްބޮސް އޯޓީޓީ'' ކަރަން ޖޯހަރް ހުށަހަޅައިދޭ ގޮތަށް ޕްރިމިއާކޮށްފައި ވަނީ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ވޫޓް ގައެވެ. 13 ބައިވެރިންނާއެކު އޯގަސްޓުމަހު ސްޓްރީމް ކުރަން ފެށި މި ޝޯ 6 ހަފުތާ ވަންދެން ދެއްކުމަށްފަހު އިއްޔެ ވަނީ ގްރޭންޑް ފިނާލޭ ބާއްވައިފަ އެވެ.

ދިވްޔާ އަގަރުވާލް މިޝޯ ކާމިޔާބުކުރިކަން އިއުލާނު ކުރިއިރު، ރަނަރަޕުންގެ ގޮތުގައި ނިޝާންތު ބަޓް އަދި ޝަމިތާ ޝެޓީ ވަނީ ހިމެނިފަ އެވެ. މި ޝޯގެ ފައިނަލަށް ދަތުރުކުރުކޮށްފައިވަނީ ދިވްޔާ އަގަރްވާލް، ރާކޭޝް ބަޕަޓް، ނިޝާންތު ބަޓް، ޝަމީތާ ޝެޓީ އަދި ޕްރަތީކް ސެހަޖްޕާލް އެވެ.

ރާކެޝް ބަޕަޓް ފައިނަލުން ކަޓައިގެން ގޮސްފައިވާއިރު ޕްރަތީކް ސެހަޖްޕާލް ވަނީ ފުރުސަތުގެ ބޭނުން ހިފައި، ކަނޑައަޅާފައިވާ ފައިސާގެ އިނާމު ހިޔާރު ކޮށް އަމިއްލައަށް ޝޯއިން ވަކިވެފަ އެވެ. އަދި ކުރިއަށް އޮތް ސަލްމާން ހާންގެ ބިގްބޮސް 15 އިން ވަނީ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ބިގްބޮސް ގެއިން އެންމެފަހުން ނުކުންނަން ޖެހުނު ބައިވެރިއަކަށް ޝަމީތާ ޝެޓީ ވެފައިވާ އިރު، ދިވްޔާ އާ އެކު އެންމެ ފަހު މިނެޓާ ހަމައަށް ވާދަކޮށްފައިވަނީ ނިޝާންތު ބަޓްއެވެ.

ބިގްބޮސް އޯޓީޓީ ނިންމާލާފައިވާއިރު، ސަލްމާން ޚާން އާއެކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ބިގްބޮސް 15 ބެލުންތެރިންނާއި ހަމައަށް އަންނާނެ ދުވަސް ވެސް މިވަނީ އިއުލާނުކޮށްފަ އެވެ. ކަލާސް ޓީވީ އިން ކޮށްފައިވާ ޓުވީޓެއްގައި ބިގްބޮސް 15 އަންނަ މަހުގެ 2 ގައި ދައްކަން ފަށާނެކަން ވަނީ ހާމަކޮށްފައެވެ. ބިގްބޮސް 15 ދައްކާނެ ދުވަސް ކަނޑައަޅާފައިވީ ނަމަވެސް އެ ޝޯގައި ވާދަކުރާނެ ބައިވެރިންގެ ނަންތައް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.