ޤަބޫލުކުރަން ކިތަންމެ ދަތިވިޔަސް އެއީ ތެދުހަގީގަތެކެވެ. ލޮލަށް ލިބުނު ކެއްސަކަށް ވިނަމަ ކޮންފަދަ ހެއްޔެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. ޝައުފާއަށް ހިންދިރުވާލެވުނެވެ.
"ހައިރާންވެފަ ނީނދެ ފާޚާނާ ދައްކަބަލަ..." ޝާމިންގެ އަޑަށް ޝައުފާ ބަލާލިއެވެ. އަދި އަތުގެ އިޝާރާތުން ފާޚާނާ ދައްކާލިއެވެ.
"އަންނާނަން މިކަން ނިންމާލާފަ... ކަމަނާއަކަށް ފަންކާ ނިވާލައިގެން އުދަނގޫ ޖައްސާކަށް ނުވާނެއެއްނު .. އެހެންނޫނަސް މިއީ ރަނގަޅު ކަމެއްވެސް ނޫންތާ.."
ޝާމިން އަތުގައި ހުރި ސާމާނު ޖީބަށް ލަމުން ވާހަކަ ދެއްކިއެވެ.
"އަޞްލު.. ތިކަން ކުރާތާ ވަރަށް ދުވަސްވެއްޖެތަ..." ޝައުފާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
"އަށެއްކަ އަހަރު ވަންދެން އުޅުނީ ބޭރުގަ.. ވަރަށް ކުރިންވެސް އޮކޭޝަނަލީ ޑްރިންކެއް ނަގާލަން... އެކަމަކު މިއީ ދެތިން އަހަރު ކުރީގެ ކަމެއް.. ބޭރުގަ އުޅުނު އިރު، މިތާގަ މިއުޅޭހެން ދަތިކޮށް އުޅޭކަށް ނުޖެހޭ... ބޭސްފިހާރަތަކުން ހުރިހާ އެއްޗެއް ލިބޭވިއްޔަ.. މިތާނގަ މިހޯދަންވެސް ޖެހެނީ ނުލާހިކު ހާލުން.." ޝާމިން ކިޔައިދިނެވެ.
"ކިތައް ކުދިން ތިބޭތަ... އަންހެން.. ފިރިހެން.." ޝައުފާ އަހާލިއެވެ.
"ނެތް... ސުމެއް.." ޝާމިން ހީނލަމުން ޖަވާބު ދިނެވެ.
"އަނބިންނޯ.." ޝައުފާ އިނީ ޝާމިންގެ މައުލޫމާތު އިތުރަށް އޮޅުން ފިލުވާށެވެ. ޝާމިނަކީ ކާކުކަން ދެނެގަންނާށެވެ.
"ތިއެއްވެސް ނެތް... ހަމަ ހުހަށް..." ޝާމިން މަޖާ ރާގެއްގައި ބުނެލިއެވެ.
"ކީކޭ... އަނތްބެއްވެސް ނެތޭ... ދުވަހަކުވެސް މެރީ ނުކުރަންތަ.."
ޝައުފާ ޙަޤީޤަތުގައިވެސް ޙައިރާންވިއެވެ.
"ތިރީސް އަށް އަހަރު ވީއިރު ދުވަހަކުވެސް މީހަކާ ނީދެއެވެ. ދަރިއެއް ނެތެވެ. ޒުވާންކަމުގެ ފޯރިއާއި ޖޯޝުގައިވެސް އެކަހަލަ ކަމެއް ނުކުރަނީބާވައެވެ. މިއީ ވަރަށް ތަފާތު މީހެކެވެ.
"ކީއްވެ މީހަކާ ނީނދެ އުމުރު ތި ދުއްވާލަނީ... ރަނގަޅު ކުއްޖަކާ ދިމާނުވަނީތަ..."
ޝައުފާ ކޮޓަރީގެ އެއްފަރާތުގައި ހުރި ކުޑަ އައިސްއަލަމާރި ހުޅުވަމުން އަހާލިއެވެ.
"މީހަކާ އިންނާށޭ... ސަހަރޯ.. މަށަށްވާ ލާހިކެއް ނޫން މީހެއްގެ ދަރިއަކަށް އެހާބޮޑު ލަޑެއް ދޭކަށް... މަފަކީރު މިއުޅެނީ އަމިއްލަ ނަފްސު ނުބެލެހެއްޓިގެން.. ވީއިރު މައުސޫމު އަންހެން ކުއްޖަކަށް ބޮޑު ތަކުލީފެއް ޖައްސަން ލާހިކެއް ނޫން.." ޝާމިން ފާޚާނާއާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
އައިސްއަލަމާރިން ނެގި ބަދަން ޕެކެޓް ހިފައިގެން އައިސް އެނދުގައި އިށީންނަން ފަރިވެލި ވަގުތު އެނދުގެ އެއްފަރާތުގައި އޮތް ފޯން ރިންގު ވާން ފަށައިފިއެވެ.
އަސްތާ... އެއީ ޒިމްނާގެ ކޯލެކެވެ.
"ބަލަ ކާންވެސްނާންނަނީތަ.... އަޒްމީ ބުނީ މިތާ ބައިންދާފައި ދިޔަ ސޮރާ އެކީ ދިޔައިރު އޭނައަށް ގޮވާވެސް ނުލަޔޯ... އެކަމާ ވަރަށް ދެރަވެފަ ހުރީވެސް... ހުކުރަށް ގޮވައިފިއެއްނު.... ނަމާދު ނިމިގެން ސަމަދު އަންނާނީ މީހުން ގޮވައިގެން.. އަންނަ ގޮތަށް ކެއުން ފަށާނެ... ޝައު ނާންނަނީތަ.... މިގެއިން ގެންދިޔަ ސޮރު ކޮބާ... އެސޮރު އެއީ ވަރަށް ފާޑެއްގެ އާއިލާއެއްގެ ސޮރެއް... އެމީހުން ހިތްހަމަނުޖެހޭނެ އާދައިގެ އަންހެން ކުއްޖަކާއެކު ޝާމިން އެއް ވަގުތު ހުންނަންވެސް... ވަރަށް ވިސްނައިގެން އުޅެއްޗޭ..."
ޒިމްނާ ބުނެދިނީ ވަރަށް ބުއްދިވެރި ހަރުމީހެއް ފަދައިންނެވެ. ނުހޭން މަސައްކަތްކުރި ނަމަވެސް ޝައުފާއަކަށް ހިނިގަނޑު މަތަނުކުރެވުނެވެ.
"އައްދެ މިއީ ހޭންވީ ވަރުގެ މަޖާ ވާހަކައެއް ނޫނޭ.. އެސޮރުގެ އެންމެ ދޮށީ ދައްތައަކީ ކާކުކަން އެނގޭތަ..."
ޒިމްނާ އަޑަށް ބާރުލަމުން އަހާލިއެވެ.
"އޭނ... އެއީ މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު... ޚާއްޞަ ނަޞޭޙަތް އަރުވާ ޕާސަނަލް ސެކްރެޓަރީ... ޝަކީލާ ސައްތާރު.. އެނގޭނެ ޝައުއަށް އެނގޭނެ... ހަމައެކަނި ޝަކީލާއެއް ނޫން.. ޝާމިންގެ މަންމައަކީ ހަމަ ހިޓްލަރެއް އިނގޭ..."
"ހެޔޮނުވާނެ... މަށެއް ނޫޅެން ކަމެއް ކުރާކަށް.." ޝައުފާ އަނގައަށް ގޮތެއް ހަދާލިއެވެ.
"އެސޮރާއެކު ކަންތައްގަނޑެއް ހިންގަން އުޅޭނަމަތާ ތިހުރިހާ ކަމެއް އެގެން ބޭނުން ވާނީ... އެއީހަމަ ވަރަށް އާދައިގެ ރަނގަޅު ރައްޓެއްސެއް... ހޫނ... މިއަދުގެ ކެއުމުގައި ބައިވެރިވާން އުޒުރުވެރިވާ ވާހަކަ ސަމަދުބެއަށް ބުނެދެއްޗޭ... ގެއަށް އައިތަނުން ކުޑަ މަސައްކަތެއް ޖެހުނީ.. ކޮންމެހެންވެސް ނިންމަންޖެހޭ ބާލީހު އުރަތަކެއްގައި ޖަރީގެ މަސައްކަތެއް ކުރަންޖެހޭތީ... ވަރަށް ބޮޑަށް ސޮރީ އިނގޭ..."
ގޭގައި އިންނަ ހުސް ވަގުތުތަކުގައި ޖަރީޖެހުމާއި ފެހުމުގެ މަސައްކަތް ޝައުފާ ކުރަނީ އަމިއްލަ ހިތްހަމަޖެހުމަކަށެވެ. އޭގެއިން ލިބޭ އާމްދަނީއަށްވުރެ އެކަމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމުން ކިތަންމެ ބުރަ ވިޔަސް އޭނާ އެމަސައްކަތް ކުރަނީ ވަރަށް ގަޔާވުމާއެކުގައެވެ.
ޒިމްނާގެ ފޯނު ބޭއްވުމަށް ފަހު ޝައުފާ އެނދުގެ ބޯލާކޮޅާ ދިމާލުން ފާރުގައި ބޯ ޖައްސާލިއެވެ.
ފާޚާނާއިން އެއްވެސް އަޑެއް އިވޭތޯ އޭނާ އެދިމާއަށް ކަންފަތް ސަމާލުކޮށްލިއެވެ.
އެއްވެސް ހިލަމެއް ނެތެވެ. އަނެއްކާ ޝާމިން ނިދުނީ ބާވައެވެ. އޭނާ ވިސްނާލިއެވެ. ގޮވަންވީބާވައެވެ. އުނހު ނުގޮވާނަމެވެ. ނުކުންނާނެ އިރަކުން ނުކުމެދާނެތާއެވެ. އަމުދަކުން އޭނައަކަށް ކީއްހެއްޔެވެ. ކުރަން ވަދެ އެއުޅެނީ ސަހަލު ކަމެއް ނޫނެވެ. ވަގުތު ނަގާނެތާއެވެ. ހައިރާންވާ ވަރުގެކަމެކެވެ. އެއީ އޭނާ އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެވެ. ހިތުގެ އަޑިން އެކަމަކަށް ނަފްރަތު ކުރާ ކަމެކެވެ. އެއްވެސް ދަންނަ މީހަކު އެދާއިރާގެ އެއްވެސް ކަމެއް ކުރާކަށް އޭނާ ނުރުހެއެވެ. އަމުދުން އޭނަގެ ކޮޓަރިއާއި ފާޚާނާ އެފަދަ އެއްވެސް އަމަލެއް ހިންގުމަށް އޭނާ ހުއްދައެއް ނުދެއެވެ.
އެކަމަކު.....
ޝާމިން ތަފާތު ކުރެވިއްޖެއެވެ. އޭނާއަކަށް ޝާމިނާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެވުނުތާގައި މޫނުމަތިންވެސް އެއްވެސް ބުރަބަހެއްވެސް ނުމެބުނެވުނެވެ.
ޝާމިނަކީ ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއް އަދާ ކުރަމުންދާ މީހެކެވެ. އިލްމާއި އެއްވަރަށް ހިލްމު ލިބިފައިވެއެވެ. ދުނިޔޭގެ ތެރެއަށް ކިތަންމެހާވެސް ރަނގަޅަށް ހުރީ ލޯ ހުޅުވިފައެވެ. ވަރަށް ޅައިރުއްސުރެ އޭނާގެ އާދަކާދަތައް ތަފާތެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެވެސް ބޯދާ އާދަތަކާއި އޭނާ ދެކޮޅުހަދައެވެ.
އޭނާގެ މިޒާޖުގައި ހުންނަ ސީދާސާދާކަމާއި އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަމުގެ ސަބަބުން ކޮންމެ ކޮންމެ މީހަކަށް އޭނާއާއި ދިމާއަށް ފާޑުފާޑަށް ބަސް ބުނާނެ ހިތްވެރެއް ނުލިބެއެވެ. އޭނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމަށް އިތުބާރާއި ރުހުން ނުދީ ފަހަތަށް ޖެހެން އެއްވެސް މީހަކަށް ނުކެރެނީ ވޭތުވެދިޔަ އެއްވެސް ޒަމާނެއްގައި އޭނާގެ ފަރާތުން ވިޔާނުދާ އެއްވެސް އަމަލެއް ފެނިފައި ނެތުމުންނެވެ.
އާއިލާއަށް ބަލާލިކަމުގައިވިޔަސް އަދި އަމިއްލަ ނަފުސުގެ މާޒީ ކިޔާލިއަސް ތައުރީފު ނޫން އެހެން ބަހެއް ބުނާ އަޑެއް ޝާމިނާ ބެހޭ ގޮތުން އެއްވެސް މީހަކަށް ނީވޭނެއެވެ. އެތައް ދިގު އަހަރުތަކެއްގެ އާދަވެފައިވާ ދެއްވަކަށްވާތީ މަސްތުވުމުގެ އެ އަމަލަށް ޑޮކްޓަރީ ހައްލެއް ލިބޭތޯ އޭނާގެ މަންމަ ދުނިޔެއަށް ސިއްރުސިއްރުން ނަން މަޝްހޫރު މޮޅެތި ޑޮކްޓަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމުން އެމީހުނަށްވެސް ލިބުނީ ހައިރާން ކަމެކެވެ.
މެކޭނިކް އިންޖިނިއަރެއްގެ ޒިންމާދާރު ވަޒީފާ އަދާކުރާތާ ހަތަރު އަހަރު ވެފައިވާއިރު ފުލުހުންގެ ރެކޯޑުގައި ލައިސަންސް ފަދަ ކަމެއްގައިވެސް އެހެން ކަމަކުވިޔަސް އެއްވެސް އިރެއްގައި ސުވާލެއް ކުރުމަށްވެސް ހުއްޓުވި ކަމަކަށް ނެތެވެ. ރާއްޖެއިން ބޭރުގައި އުޅުނު ގޭގެތަކާއި ހޮސްޓެލްތަކުން ފެށިގެން ހައިސްކޫލާއި ކޮލެޖުގެ އިތުރަށް ޔުނިވާސިޓީންވެސް ޝާމިނާ ބެހޭ ގޮތުން ދިން ރިޕޯޓުގައި އޮތީ ތައުރީފާއި ޝުކުރުގެ ބަސްތަކެކެވެ. ދަންނަ ގާތް މީހެކޭ ނުދަންނަ ދުރުމީހެކޭ ވަކި ތަފާތެއް ނެތި ޝާމިންގެ ހިތްހެޔޮކަމަށާއި އޯގާތެރިކަމަށް ކުރީ އެއްތައުރީފެކެވެ. މިހާރު ވަޒީފާ އަދާކުރާ ފެނުގެ ކުންފުނީގެ ސީނިއާ މެކޭނިކެއްގެ ވަޒީފާއަށްވުރެ ކުރިން އެތައް ކުންފުންޏެއްގެ ފައިބާކޭބަލް ނެޓްވޯކް އެޅުމުގެ އިތުބާރު ސައްތައިން ސައްތައަށް ލިބިގެން އެ މަސައްކަތް ނުހަނު ކާމިޔާބުކަމާއެކު ފުރިހަމަ ކުރީ އޭނަގެ އެއްބަފާ ބޭބެ ދުނިޔޭގައި ހުރި އިރު ދެބެއިން ހަމަހަމަ ހިއްސާވާ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގައި ފައިސާ ފެންފަދައިން އޮހެމުންދިޔަ ތަނަވަސް ދިރިއުޅުމެއް އުޅެމުންނެވެ.
ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން އެކުންފުންޏަށް ދިން އިތުބާރު ބޮޑެވެ. ޝާމިންގެ އެއްބަފާ ބޭބެ މަރްޙޫމް ޒަމީލް ސައްތާރާއި ޝާމިން ސައްތާރުގެ އަމިއްލަ ނަމުގައި ހިންގަމުން ދިޔަ ކުންފުނި "އެސްޓީއާރް ސަންސް" އިން ހޯދި "ރާއްޖޭގައި ޑްރޯންގެ ވިޔަފާރި.. ކުޑަ އަގަކުން ބޮޑު ގެއްލުމަކުން ސަލާމަތްވުމަށް މަގު.." މިނަމުގެ ދަށުން ފުރަތަމަ ފަހަރަށް އެއްވެސް ބިރަކާ ނުލާ ޖީބަށް ލުއި ގޮތަކަށް ޑްރޯން ފޯރުކޮށްދިނުމުގެ ފަޚުރަކީ ޝާމިންގެ އިތުބާރަށް އެޔަގީން ޚިޔާލަށް ގެނައި އަމަލީ ސިފައެއްގެ ނަތީޖާއެވެ.
ބޭބެ ނިޔާވެ ވިޔަފާރި ހުއްޓުމަކަށް އައީ މީގެ ހަތަރު އަހަރާއި ހައެއްކަ މަސް ކުރިންނެވެ. ވިޔަފާރި ހުއްޓާނުލާ ކުރިއަށް ގެންދަން ކިތަންމެ ޝާމިން ބޭނުންވިޔަސް ބޭބެގެ އަނބިމީހާއަށާއި ދެކުދިންނަށް ބޭބެގެ ހިއްސާ ލިބޭ ގޮތަށް އިންޝުއަރެންސް ސްކީމާއި ވިޔަފާރީގެ އެއްބަސްވުމުގައި އޮތުމުން ޝާމިނަށް ޖެހުނީ ފަހަރި އެދޭ ގޮތަކަށް ކަންތައް ކުރާށެވެ. ކުންފުނި ބަންދުކުރުމަށްފަހު ހަތަރުމަސް ވަންދެން ޝާމިން ދިޔައީ ލަންކާއަށެވެ. އެނބުރި އައީ މަންމަގެ އާދޭސްކުރުމާ ދެކޮޅު ހަދަން ނުކެރިގެނެވެ.
މާލެ އައިސް މިހާރު އުޅެމުން އެއަންނަ ވަޒީފާ ލިބުމަށްފަހު އާދައިގެ ގޮތަކަށް ހަޔާތުގެ ދުވަސްތައް ވޭތުކުރަމުން އަންނަ ޝާމިންގެ ލޯބިވެރިޔަކީވެސް އޭނާގެ ކާރާއި ގިޓާއެވެ. ކުންފުނި ދެބަޔަކަށް ބަހަން ޖެހޭތީ ފަހަރި ބޭނުންވާ ގޮތް އޮޅުން ފިލުވުމަށްފަހު އޮތް އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރުމުގެ ގޮތުން އެންމެންގެ މަޝްވަރާއަށްފަހު "އެސްޓީއާރު ސަންސް"ގެ ވިޔަފާރި ވިއްކާލީ އެކަމާއި ހިތާމަ ކުރަމުންނެވެ. ފަހަރިއަށްވީ ފައިސާ ލިބުމާއެކު ދެކުދިން ގޮވައިގެން މެލޭޝިޔާއަށް ބަދަލުވެއްޖެއެވެ. އެ ފައިސާ އިން ޝާމިން ގެނައީ އެންމެ ފަހުގެ ކާރެކެވެ. ބާކީ ހުރި ފައިސާއާއި މުދާކޮޅު ހިބައިން މަންމައަށް ދިން އިރު އެންމެ ދޮށްޓަށް އިން ދައްތަ ޝަކީލާއާއި ބައިވެރިވެގެން ނީލަމުގައި ގެއްލިފައި ހުރި ބައްޕަގެ ގޯއްޗާއި މުދާ ގަތުމަށްވެސް އަމަލީ މާލީ އެހީތެރިއަކަށް ޝާމިންވިއެވެ.
އެފަދަ ހަރުދަނާ ޒުވާނަކު އެކަނިވެރި ދިރިއުޅުމެއް އެއުޅެނީ ކީއްވެބާވައެވެ.
ޝާމިންގެ ފޮރުވިފައިވާ ސިއްރު ދެނެގަންނަން ޝައުފާ ވަރަށް ބޮޑަށް ބޭނުން ވެއްޖެއެވެ. މަންމައާއި ވަރަށް ގާތް ޚާއްޞަ ރައްޓެހިންނަށް ނޫނީ ޝާމިންގެ ކަޅު ޙަޤީޤަތެއް އޮންނަ ކަމެއް ނޭނގެއެވެ. ފާޑުފާޑުގެ ގޮތްގޮތަށް މަގުމަތީގައި އުޅުން ކަހަލަ ކަމެއް ނުކުރެއެވެ. އެހެންކަމުން ޝާމިނަކީ ޙަޤީޤަތުގައި އެއްވެސް ވިޔާނުދާ އަމަލެއް ހިންގާ މީހެއް ނޫނެވެ.
ޝައުފާ ހިތާހިތާ އެއްބަސްވެލިއެވެ. މިއަރަތް ހައްލުކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޝާމިންގެ ވަރަށް ގާތް ރަހްމަތްތެރިއަކަށް ވާންވީއެވެ. އޭރުން ވަރަށް ފަސޭހައިން ޝާމިންގެ ފޮރުވިފައިވާ ސިއްރުތައް ދަމައިގަނެވިދާނެއެވެ. ޝާމިން ފާޚާނާއިން ނުކުންނަންވާ އިރަށް ކޮންމެވެސް ބުއިމެއް ތައްޔާރު ކޮށްލަންވީއެވެ. ޝައުފާއަށް މޮޅު ފިކުރެއް ވިސްނިއްޖެއެވެ. އަވަހަށް އެނދުން ފައިބައިގެން ކޮޓަރީގެ އަނެއް ކަނުގައި ހުރި އާދައިގެ މެދުމިނެއްގެ މޭޒު ކައިރިއަށް ހިނގައްޖެއެވެ.
މޭޒުމަތީގައި ހުރި ކުޑަކުޑަ ފެންކައްކާ ޖަގު ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮފީ ގިރާނެ ކުޑަ ޖޯޑެއް ނަގައި ކޮފީ ފުޅި ނަގާ އޭގެ މަތި ނަގައިފިއެވެ. ޖޯޑަށް ދެ ސަމުސާ ކޮފީ އެޅުމަށްފަހު ސަމުސަލުން ވަރަށް މަޑުމަޑުން ކޮފީ ގިރަން ފަށައިފިއެވެ. ކެކެން ފެށި ފެންޖަގު ނަގާ ޖޯޑަށް ފެން އަޅާލުމާއެކު މުޅި ކޮޓަރި އެއްވަސް ވެގެން ދިޔައީ ކަޅުކޮފީގެ ހިތްގައިމު އަރާމް ލިއްބައިދޭ މީރު ވަހުންނެވެ.
"ވާހވާހ... މަށަށް އެންމެ މީރުވަސް ދުވާ ފްލޭވަރ.. .އެންމެ މީރު އެއްރަހަ..."
ފާޚާނާގެ ދޮރު ހުޅުވާލަމުން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އެތެރެއަށް ނޭފަތް ދަމާލަމުން ޝާމިން އުފާވެރި ގޮތަކަށް ހިނިތުންވަމުން ބުނެލިއެވެ.
ވާހަކަ
ވާހަކަ