ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ހދ. ނޮޅިވަރަމުން އިތުރު ފަރުވާއަށް ގެނައި މީހެކެވެ.

އިއްޔެ ވެސް ކޮވިޑުގައި މީހަކު މަރުވިއެވެ. އެއީ ގދ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ތިނަދޫން ކޮވިޑް ބަލީގައި މަރުވި ހަތަރުވަނަ މީހާއެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 229 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 212 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.