ގަވާއިދާ ހިލާފަށް ލިބޭ ފައިސާއަކީ ކަޅު ފައިސާ ނޫން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެގެން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް އެމަނިކުފާނުުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދާ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
ރައީސް ޔާމީން ވިދާޅުވީ، މަނީ ލޯންޑަރިން އާއި މަނީ ލޯންޑަރިންގެ ކޮންސެޕްޓަކީ، ރާއްޖޭގެ އުފެއްދުމެއް ނޫން ކަމަށެވެ. އަދި އެއީ އިންޓަނޭޝަނަލް ކޮންވެންޝަންތަކުގެ އުފެއްދުމެއް ކަމަށްވެސް ވިދާޅުވިއެވެ.
މީހަކަށް ޓެންޑާކޮށްގެން ގަވާއިދާ ހިލާފަށް ލިބޭ ފައިސާ އެއީ މަނީ ލޯންޑަރިންގެ ފައިސާ ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގައި މަނީ ލޯންޑަރިންގެ އުންސުރުތައް ހިމެނިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދުނިޔޭގެ އިންޓަނޭޝަނަލް ކޮންވެންޝަންތަކުގެ އުފެއްދުމެއް މިއީ. ރާއްޖޭގެ ގާނޫނުގައި މަނީލޯންޑާ ކުރުމާއި މަނީ ލޯންޑާގައި ހިމެނޭ އުންސުރުތައް ނުވަތަ އެލެމެންޓްތަކެއް ބަޔާނެއް ނުކޮށްދޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮންމެ ވިޔަފާރިއަކުން ގަވާއިދާ ހިލާފަށް ލިބޭ ފައިސާއަކީ ކަޅު ފައިސާ ނޫން ކަމަށާއި އެގޮތަށް ލިބޭ ފައިސާ އަކީ މަނީލޯންޑާ ވުން ނުވަތަ ކަޅު ފައިސާ ދައުރުކުރުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކަޅު ފައިސާ އަކީ ވަރަށް ހާއްސަ ނުބައި މުއާމަލާތްތަކެއް ހިންގައިގެން ލިބޭ ފައިސާ ކަމަށާއި އޭގެ ތެރޭގައި، ހިއުމަން ޓްރެފިކިން އާއި ޑްރަގް ޑީލް ކުރުމުގެ އިތުރުން އެފަދަ އެހެން ކަންތައްތައް ހިމެނޭ ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، މަނީ ލޯންޑަރިން ފަދަ ފައިސާގެ އަސްލު އޮޅުވާލުމުގެ މައްސަލަތަކާ ގުޅޭ ގާނޫނީ ނިންމުމެއް ރާއްޖޭގެ މަތީ ކޯޓުތަކުން ނިންމާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގައި ވެސް އެކަމާ ބެހޭ ތަފުސީލުތަކެއް ބަޔާންކޮށްފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މަނީލޯންޑާ ކޮށްގެން ރައީސް ޔާމީނަށް ލިބިފައިވާ ފައިސާއާ ބެހޭގޮތުން ވިދާޅުވީ އެއީ އެމަނިކުފާނު ހޯދި ފައިސާއެއްކަން ދައުލަތުން ހުށަހެޅި ކިތާބީ ޝަފަވީ އެއްވެސް ލިއެކިއުމެއްގައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް އެއްވެސް އިރަކު އެދިފައި ނުވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަމިއްލަ ފައިސާ ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ކައިރިން އެދިވަޑައިގެންފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގައި އަދީބުގެ ބަައިވެރިވުން އޮތް ކަމަށް އެނގުނު ހިސާބުން ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު