ގއ. މާމެންދޫ އާއި ތ. ވޭމަންޑޫ އަދި އެ އަތޮޅު ދިޔަމިގިލި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ތިން ރަށްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުއެވެ.

ދިޔަމިގިލީ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އޮފް ހެލްތު ސާވިސް އަހުމަދު ރިޔާޒް މިރޭ "ވަން" އަށް ވިދާޅުވީ ރޯގާގެ އަލާމާތްތައް ހުރި ގިނަ ބަޔަކު ރަށު ހެލްތު ސެންޓަރަށް ދެއްކުމާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު ރަށުން 72 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 14 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ދަށުން 52 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެ އެންމެންގެ ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ވޭމަންޑޫ ކައުންސިލުގެ ރައީސް ރަޝްވާން އާދަމް މިރޭ "ވަން" އަށް ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ހޮސްޕިޓަލަށް ދެއްކި މީހަކު އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި ދެ ސާމްޕަލެއް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން އެރަށުގެ އެއް ގެ މިވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށްވެސް ރަޝްވާން ވިދާޅުވިއެވެ.

މާމެންދޫ ކައުންސިލުން މިއަދު ބުނީ އެ ރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންނާ ކޮންޓެކްޓުވީ މީހުން މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރަށުން ޕޮޒިޓިވްވީ ކިތައް މީހުން ކަމެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.