ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި ނުވެސް އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ގައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރުކުރުން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި، ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުން. އަދި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން. އެއީ ދެފުށް ފެންނަ، ނަޒާހަތްތެރި މިނިވަން އިންތިހާބުތަކުގެ ޒަރީއާއިން. އަދި އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި އިންތިހާބުތައް ބާއްވައިގެން ދައުލަތުގެ އިންތިހާބީ މަގާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް ސަރުކާރުން އަބަދުވެސް އިހުތިރާމުކޮށް، އެ ހައްގުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ވަކިން ހާއްސަކޮށް، ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ. ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި މައުލޫމާތު އާންމުކުރުމަކީވެސް ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ކޮވިޑުގެ ދަތިތަކުން އަރައިގަތުމަށް މުޅި ދުނިޔެ މަސައްކަތް ކުރާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން މިއަދު އެކަށީގެންވާ ކާމިޔާބެއް ހޯދާފައިވާ ކަމަށާއި އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށެވެ. އަދި ސްކޫލުތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައި، ރާއްޖެ މިހާރު އާ އާންމު ހާލަތަށް ފަރިތަވަމުން އަންނަ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގަކީ ދިރިހުރުމުގެ ހައްގާއި ރަނގަޅު ކާނާ ކައިބޮއި އުޅުމުގެ ހައްގު ކަމަށެވެ. މި ހައްގުތައް ފުރިހަމައަށް ހޯދުމަށްޓަކައި ކޮވިޑުގެ ސަބަބުން އިގުތިސޯދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އިގުތިސޯދީ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ ގައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދުގެ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަ ބައެއް ކަމަށާއި ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށް އަހުލުވެރިވަމުން އަންނަ ބައެއް ކަމަށެވެ.
އޭގެ ތެރެއިންވެސް އެންމެ މުހިންމު ހައްގަކީ ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގު ކަމަށެވެ. އެ ހައްގުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްޓަކައި ރާއްޖޭގައި ގާއިމުވެފައި އޮތް ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު