ލައިފް ސްޓައިލް

ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުމުގައި ސައިންޓިސްޓުން ގެރިތަކަށް ފާހާނާ ބޭނުންކުރަން ދަސްކޮށްދީފި

ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުމުގައި ސައިންޓިސްޓުން ގެރި ތަކަކަށް ކުޑަކަމުދިއުމަށް ފާހާނާ ބޭނުން ކުރަން ދަސްކޮށްދީފި އެވެ.

ސައިންޓިސްޓުން ބުނާގޮތުގައި ގެރިބަކަރީގެ ކުޑަކަމުދާ ތަކެތީގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވެއެވެ. އެ އެއްޗެތީގެ ކުޑަކަމުދާ ތަކެތީގައި އެކުލެވޭ ނައިޓްރިޖަން އާއި ބޮޑުކަމުދާ ތަކެތީގައި ހިމެނޭ މާއްދާތަކާ އެކު ވުމުން އެމޯނިއާ ތިމާވެއްޓަށް ބޭރުވެ އޭގެ ސަބަބުން އެސިޑް ރެއިން ފަދަ ތަފާތު މައްސަލަތަކަށް މަގުފަހި ކުރުވާ ކަމަށް ވަނީ ބުނެފަ އެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ޖަރުމަނުގައި ވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފަ އެވެ. ޖަރުމަނުގެ އެފްބީއެން އަދި އެފްއެލްއައިގެ ސައިންޓިސްޓުންނާއި ނިއުޒީލެންޑުގެ ޔުނިވާސިޓީ އޮފް އޯކްލޭންޑު ގުޅިގެން ގެރިތަކެއް ހިމަނައިގެން ހިންގި ތަމްރީނުތަކަށް ''މޫލޫ ޓްރެއިނިންގް'' ގެ ނަަން ވަނީ ދީފައެވެ. މި ތަމްރީނު ހިންގައި ކާމިޔާބުކުރި ގޮތުގެ ވާހަކަ އެޓީމުން ވަނީ ސީއެންއެން އާ ހިއްސާކޮށްފައެވެ.

ތަމްރީނުގެ ފުރަތަމަ މަރުހަލާގައި އެތަކެއްޗަށް ހާއްސަކޮށްފައިވާ ފާހާނާއަކަށް ފޮނުވަ އެވެ. އެތަނަށް ކުޑަކަމުގޮސްފިނަމަ އޭތި ނުކުތުމުން އިނާމެއްގެ ގޮތުގައި އެއަށް އިތުރަށް ކާން ދެވޭ ކަމުގައި ޓީމުން ވަނީ ބުނެފަ އެވެ. ''އެސޮރު ނުކުތުމުން ކާން ލިބޭ ކަން އެނގުމުން އަނެއްކާވެސް ފާހާނާއަށް ދޭ. ނަމަވެސް އިނާމެއްގެ ގޮތުގައި އިތުރަށް ކާން ލިބެނީ ފާހާނާ އަށް ވަދެ ކުޑަކަމުދިއުމުން ކަން އެސޮރުމެންނަށް އެނގެން ވަގުތުކޮޅެއް ނެގި.'' މި ހަރަކާތުގައި އުޅުނު ޓީމުން މައުލޫމާތު ދީފައިވެއެވެ.

މި ތަމްރީނު ދިނުމަށް ތަފާތު އުކުޅުތައް އެމީހުން ވަނީ ބޭނުންކޮށްފަ އެވެ.

''އެންމެފުރަތަމަ އަހަރެމެން އެސޮރުމެންގެ ކަންފަތުގައި އިއާފޯނެއް އެޅުވިން. އަދި ބޭރަށް ކުޑަކަމުދާ ކޮންމެ ފަހަރަކު ބޮލަށް އުނދަގޫވާ ވަރުގެ މިޔުޒިކެއް އިއްވިން.''

އެ ޓީމުން އިތުރަށް ކިޔައިދިން ގޮތުގައި އޭގެ ބޭނުމަކީ އެސޮރުމެން ބޭރަށް ކުޑަކަމުދާ ކޮންމެ ފަހަރަކު އަދަބެއް ލިބޭކަން އެންގުން ކަމަށާއި ނަމަވެސް އެ އުކުޅު ނާކާމިޔާބު ވި ކަމަށެވެ.

''އެސޮރުމެންގެ ހިތަށް އެކައްޗެކޭވެސް ނާރާ.'' ކަމަށް ޓީމުން ބުނެފައިވެ އެވެ. ނަމަވެސް ފަހުން އަދަބެއްގެ ގޮތުގައި ބޭރަށް ކުޑަކަމުދާ ކޮންމެ ފަހަރަކު އޭގެ ގަޔަށް ފެން ޖަހަން ފެށުމުން އެސޮރުމެންނަށް މިކުރެވެނީ ރަނގަޅު ކަމެއް ނޫންކަން ކޮންމެވެސް ވަރަކަށް އެނގިގެން ދިޔަކަމުގައި ތަމްރީނު ކުރިއަށް ގެންދިޔަ އެފްބީއެން ގެ ނީލް ޑާކްސެން ވަނީ ބުނެފަ އެވެ.

މި ގެރިތައް ފާހާނާ ބޭނުންކުރަން ތަމްރީން ކުރެވެމުން އައީ ކޮންމެ ދެދުވަހަކުން އެއް ދުވަހެއްގައި ކޮންމެ ދުވަހެއްގެވެސް 45 މިނިޓު ވަންދެން ކަމުގައި އެފަރާތުން މައުލޫމާތު ދީފައިވެއެވެ. 10 ދުވަހަށް ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަށްފަހު މި މަރުހަލާތަކުގައި ބައިވެރިކުރެވުނު 16 ގެރީގެ ތެރެއިން 11 ގެރިއަށް ކާމިޔާބު ކަމާއެކު ކުޑަކަމުދާން ފާހާނާ ބޭނުންކުރަން ވަނީ ދަސްކޮށްދެވިފައި ކަމަށް އެ ޓީމުން ފާހަގަކުރެ އެވެ.

މިކަމަށް ޓަކައި އެސޮރުމެން ތަމްރީނު ވާން ނެގި މުއްދަތަކީ 2-4 އަަހަރުގެ ތުއްތު ކުދިންނަށްވެސް ފާހާނާ ބޭނުންކުރަން ދަސްކޮށްދިނުމަށް ނަގާ މުއްދަތު ކަމަށާއި އަދި އެ އުމުރުގެ ކުދިން ބަސް ގަބޫލު ކުރާ ވަރަށް އެސޮރުމެންވެސް ބަސް އަހާފައިވާ ކަމަށް ދިރާސާގައި އިސްކޮށް ހިމެނޭ އަދި ޖަނަވާރުންގެ އުޅުންތައް ދިރާސާކުރާ ސައިންޓިސްޓެއް ކަމަށްވާ ލިންޑްސޭ މެތިއުސް ވަނީ ބުނެފަ އެވެ.

ގެރިއެއް ދުވާލެއްގެ މައްޗަށް 30 ލީޓަރުގެ ކުޑަކަމުދާ ތަކެތި ބޭރުކުރެ އެވެ. އެގޮތުން މިދިރާސާގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނައުމުގައި ބޮޑު ބަދަލެއް ގެނެވޭނެ ކަމުގައި ދިރާސާކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ.