މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން އުޅުނު ލަނޑެއް ކަމަށާއި އެކަމުން އެމަނިކުފާނު ސަލާމަތްކުރެއްވީ އޭނާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން ސޮއިކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ނަފުރަތުގެ ބިލާ ދެކޮޅަށް އެންމެ ފުރަތަމަ ވާހަކަދެއްކެވީ އޭނާ ކަމަށެވެ. އެ ބިލާ ދެކޮޅަށް އެއްވެސް ލީޑަރަކު އަދި އެއްވެސް ދީނީ އިލްމުވެރިއަކުވެސް އެއިރު ވާހަކަދައްކަވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބުނީ ހެޔޮ ނުވާނޭ މިކަން ކުރާކަށެއް. އަޅުގަނޑު އެއް ބަޔާން ދީފައި އަދި އަނެއް ބަޔާން ދީފައި. ޕާޓީގެ ފަރާތުން ބަޔާން ނެރުނު ފަހުން އޭގެ އެތައް ހަފުތާއެއްހާ ދުވަސް ފަހުން އެހެން ބޭފުޅުންނަށް މިކިޔާ އެއްޗެއް ރޭކާލާ ހިސާބަށް ދިޔައީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސަށްވެސް އެ ބިލާ ގުޅޭ އަޑުތައް އިވުމުން، އެ ބިލަކީ ގޯސް ބިލެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ރައީސަކީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އެ ބިލުގައި އޮތް އެއްޗެއް އަކުރުން އަކުރަށް ވިދާޅުނުވެވިދާނެ ކަމަށެވެ.

"އެކަމަކު ބަޔަކު މީިހުން ދޭން އުޅުނު ލަނޑެއްގައި އެމަނިކުފާނު ނުޖެހި ސަލާމަތްވީ އަޅުގަނޑު ދަންނަވާނީ މިފަހަރުވެސް އަޅުގަނޑާ ހެދިއޭ. އެހެން ނޫން ނަމަ އެ ލަނޑު އެމަނިކުފާނަށް ލިބިވަޑައިގެންނެވީސް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަނުގައި ތިބެގެން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނީ ހުދޫދުގެ ތެރެއިން ކަމަށެވެ. އަދި ކޯލިޝަނުގައި ތިބި ކަމުގައިވިޔަސް، ކޯލިޝަނަކާ ނުލައި މަސައްކަތް ކުރެއްވި ނަމަވެސް ހައްގު ބަސް ވިދާޅުވުމުގައި ދެމިތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައިވާ އިރު، ސަރުކާރުން ފޮނުވި ގޮތަށް ނަފުރަތުގެ ބިލު ފާސްކުރަން ނޭދޭ ކަމަށާއި ރައްޔިތުން އެދޭ އިސްލާހު ގެންނަން ޖެހޭ ކަމަށް ރައީސް ސޯލިހުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފުރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފުރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅައި ގާނޫނުލް އުގުބާތަށް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.

ނަމަވެސް 100 އަށްވުރެ ގިނަ ދީނީ އިލްމުވެރީންނާއި، ގިނަ އަދަދެއްގެ އާއްމުންނާއި، ގިނަ ކައުންސިލްތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް ދެކޮޅު ހަދައިފައެވެ.

އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް އެ ދެކޮޅު ހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސް ނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ.