ޚަބަރު

މިންތީގެ ހަމަހަމަކަން ނެތް ޕެނަލެއްގައި ނީންނާނަން: ޝާހިދު

އަލީ ޔާމިން

މިންތީގެ ހަމަހަމަކަން ނެތް ޕެނަލެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އދ.ގެ 76 ވަނަ އާންމު މަޖިލީހު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގަތުމުގެ ކުރިން އދ.އިން އާންމުކޮށްފައިވާ ވީޑިއޯއެއްގައެވެ.

މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަން ނިމި މިރޭ 12:00ގައި 76 ވަނަ ސެޝަން ފެށޭނެއެވެ. މި ސެޝަންގައި މިނިސްޓަރު ޝާހިދު މަގާމުގެ ހުވާކުރައްވާނެއެވެ.

އދ. އިން އާންމުކޮށްފައިވާ ވީޑިއޯގައި މިނިސްޓަރު ޝާހިދު ވަނީ، ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވާނީ ކޮވިޑުގެ ވެކްސިން ހަމަހަމަގޮތެއްގައި ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދިނުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ނެތް ޕެނަލެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއް ގައުމަކަށް ރާއްޖެވާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އދ.ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަކުރެއްވީ މިނިސްޓަރު ޝާހިދާއި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ. އާންމު މަޖިލީހަށް ރައީސަކު ހޮވަން މިދިޔަ ޖޫން މަހު ނެގި ސިއްރު ވޯޓުގައި 193 ގައުމުން ބައިވެރިވި އިރު، މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ.

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ހޮވަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.