ލައިފް ސްޓައިލް

ފަގީރު ދަނޑުވެރިޔާގެ އަންހެން ދަރިފުޅު އިންޑިއާގެ އެންމެ ޒުވާން އަންހެން ކޮމާޝަލް ޕައިލެޓަށް

އިންޑިއާއަށް ނިސްބަތްވާ އުމުރުން އެންމެ 19 އަހަރުގެ މައިޓްރީ ޕަޓޭލް އަކީ އެގައުމުގެ އެންމެ ޒުވާން އަންހެން ކޮމާޝާލް ޕައިލަޓެވެ. މައިޓްރީ ޕަޓޭލް އަށް ކޮމާޝަލް މަތިންދާ ބޯޓު ދުއްވުމުގެ ލައިސަންސް ލިބިފައިވަނީ އެންމެ 11 މަސްދުވަހުގެ ތެރޭގައި ތަމްރީނުތައް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްގެންނެވެ.

ޕައިލަޓަކަށް ވުމުގެ ހުވަފެންތައް އޭނާ ދެކެން ފަށާފައިވަނީ އެންމެ އަށް އަހަރުގައި ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ފެނުނު ހިސާބުން ކަމުގައި އޭނާ ވަނީ ބުނެފައެވެ. އެކަން ހާސިލު ކޮށް 19 އަހަރުގައި މައިޓްރީ މިވަނީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދައިފައެވެ. ގުޖުރާތުގެ ސޫރަތުގައި ތައުލީމު ހާސިލުކުރުމަށްފަހު ޕައިލެޓްކަމުގެ ތަމްރީނުތައް ފުރިހަމަކުރުމަށް އޭނާ ވަނީ އެމެރިކާއަށް ގޮސްފައެވެ.

މައިޓްރީގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ ފަހަތުގައި ހުރީ ދަނޑުވެރިކަން ކުރަމުން އަންނަ އޭނާގެ ބައްޕަ ކާންތީލާލް ޕަޓޭލް އެވެ. މައިޓްރީގެ ބައްޕަ ދަނޑުވެރިކަން ކުރަމުން އަންނައިރު މަންމައަކީ ސޫރަތުގެ މުނިސިޕަލްޓީ ކޯޕަރޭޝަންގެ ހެލްތު ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ކާންތީލާލް އަކީ ސޫރަތު އިން މުމްބާއީ އެއާޕޯޓަށް މީހުން ގެންގޮސްދިނުމުގައި ވެސް އެހީތެރިވަމުން އަންނަ މީހެކެވެ. ފުލައިޓުތައް އެއާޕޯޓުން ނައްޓާލާ އަދި ޖައްސާ މަންޒަރުތައް ކޮންމެ ދުވަހަކު ފެނި މަތިންދާ ބޯޓުގައި އުދުހުމަށް ދަރިފުޅު ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން އޭނާ ބޭނުންވި އެވެ.

މިކަން ކާމިޔާބުކޮށްދިނުމަށް ކާންތީލާލް ވާން ޖެހުނީ ބޮޑު ގުރުބާނީއެކެވެ. އޭނާ އެންމެ ފުރަތަމަ ޖެހުނީ މައިޓްރީ އަށް ކިޔަވައިދޭން އިނގިރޭސި މީޑިއަމް އަށް ކިޔަވައިދޭ ސުކޫލަކަށް ވައްދާށެވެ. މައިޓްރީގެ ތަމްރީނުތަކަށް ހަރަދުކުރުމަށް ޓަކައި ކާންތީލާލް އަށް ވާރުތަ ކޮށްފައިވާ ދަނޑުބިމުގެ ތެރެއިން އެއްބައި ވިއްކާލަން ޖެހުނެވެ.

އާއްމުކޮށް ޕައިލެޓް ތަމްރީންތައް ފުރިހަމަކުރުމަށް 18 މަސްދުވަސް ހޭދަވާއިރު، އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކުރެވެނީ ވެސް މަދު ބަޔަކަށެވެ. ނަމަވެސް މައިޓްރީ ވަނީ އެންމެ 11 މަސްދުވަހުގެ ތެރޭގައި މި ތަމްރީނުތައް އެއްކޮށް ފުރިހަމަކޮށް ލައިސަންސް ހޯދައިފައެވެ. އޭނާއަށް ކޮމާޝަލް ލައިސަންސެއް ލިބިފައިވާއިރު ވަރަށް އަވަހަށް ކެޕްޓަނަކަށް ވެ ބޯއިން މަތިންދާ ބޯޓެއް ދުއްވާލުމުގެ ފޮނި އުއްމީދު ހާސިލުކުރުމަށް މިހާރު ހުރީ ކެތްމަދު ވެފަ އެވެ. އަދި އެކަމަށް ޓަކައި ވަރަށް އަވަހަށް ތަމްރީނު ތަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މައިޓްރީގެ ތަމްރީނު ފުރިހަމަކޮށް އެނބުރި އިންޑިއާ އަށް ދިޔައިރު އާއިލާ އަދި ރަށްޓެހިން ތިބީ އޭނާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ގޮހެވެ. އެމެރިކާގައި ފުރިހަމަކުރި ތަމްރީނަށްފަހު އެ ގައުމުގައި ކޮމާޝަލް ފުލައިޓް ދުއްވުމުގެ ލައިސަންސެއް ލިބިފައިވީ ނަމަވެސް އިންޑިއާގައި މަތިންދާބޯޓު ދުއްވުމުގެ ލައިސަންސެއް ހޯދަން އިތުރު ތަމްރީނެއް އޭނާ އަދި ފުރިހަމަކުރަން ޖެހެއެވެ.

މައިޓްރީގެ މި ކާމިޔާބު ފާހަގަކޮށް ގުޖުރާތުގެ ޗީފް މިނިސްޓަރު ޝްރީ ވިޖޭ ރުޕާނީ ވަނީ އޭނާއާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.