ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓުގެ ގްރައުންޑް މަސައްކަތްތައް މިހާރު ނިންމާލައިފައިވާ ކަމަށެވެ. އެގޮތުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ ޕެޑް އަދި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މިހާރު ވަނީ ނިންމާލައިފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މުޅި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މީގެ ކުރިން އަމާޒު ހިފީ މިއަހަރުގެ ތެރޭގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމާލުމަށް ކަމަށާއި ނަމަވެސް އެއާޕޯޓުގެ މަސައްކަތްތައް ލަސްވީ، ކޮވިޑުގެ ސަބަބުން ބޭރުން މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.