ހުޅުމާލެ ޖަލުގައި މިރޭ މަރުވި ގައިދީއަށް އަނިޔާކޮށް މަރާލިކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ މަރުވެފައިވަނީ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40) ކަމަށެވެ. އަދި އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫން ކަމަށްވެސް ބުންޏެވެ.

އަސްލަމްގެ ކޮއްކޮ މުސްލިމް ޝާކިރު "ވަން" އަށް ބުނީ އޭނާގެ ބޭބެ، އަސްލަމަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަކަން އެނގުނީ އެހެން ބައެއްގެ ފަރާތުން ކަމަށާއި އެކަން ކަރެކްޝަނުން އަންގާފައިނުވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ބަލަމުންދާ ކަމަށް ކަރެކްޝަންސް އިން އެންގި ކަމަށްވެސް މުސްލިމް ބުންޏެވެ.

މުސްލިމް ބުނީ އަސްލަމް ހެނދުނުއްސުރެ ގޭސްޓްރިކްވެގެން އުޅޭ ކަމަށާއި އަދި ބޭސްގުޅައެއް ކެއި ފަހުން ފެއިންޓް ވެގެން ވެއްޓުނީ ކަމަށެވެ. އަދި އޭނާ ވެއްޓުނީ ވަރަށް ތިރި މޭޒެއްގެ މަތީގައި އިންދައި ކަމަށް އެވަގުތު ހޮސްޕިޓަލުގައި ހުރި ކަރެކްޝަންސްގެ އޮފިޝަލަކު މައުލޫމާތުދީފައިވާ ކަމަށްވެސް މުސްލިމް ބުންޏެވެ.

"ބޭބެ ހޮސްޕިޓަލަށް ގެންދިޔަކަން އެނގުނީ އެހެން ބައެއްގެ ފަރާތުން، ކަރެކްޝަންސް އަކުން ނާންގާ. އެތަނުގައި ހުރި އޮފިސަރު ބުނީ ހެނދުނުއްސުރެ ގޭސްޓްރިކް ވެގެން އުޅެ އުޅެފައި މޭޒެއް މަތީ އިނދެފަ ބޭސްގުޅައެއް ކާލިތަކުން ވެއްޓިފައި ފެއިންޓްވީއޯ، ދެން ބޯވެސް އެބައިނޯ ފަޅައިގެން ގޮސްފައި. ދެން ބޭބެ ސްޓޭބަލްހޭ އެހީމަ އޭނަ ބުނީ ޑޮކްޓަރުން ވަކި އެއްޗެއް ނާންގާ ކަމަށް،" މުސްލިމް ބުންޏެވެ.

މުސްލިމް ބުނީ އަސްލަމް މަރުވިކަން އެނގުނީ ރަށުގައި ހުރި މީހަކު ގުޅާފައި އެހުމުން ކަމަށެވެ. އަދި އެކަން ޔަގީން ކުރަން އެ ކޮޓަރިއަށް ވަންނަން އުޅުމުން، ޑޮކްޓަރުގެ ހުއްދައެއް ނެތް ކަމަށް ބުނެ ހުއްޓުވި ކަމަށެވެ. ނަމަވެސް ގަދަކަމުން އެ ރޫމަށް ވަންއިރު އަސްލަމްގެ މޫނު މަތީގައި އޮތީ ފޮތިގަނޑެއް އަޅައި ފޮރުވާފައި ކަމަށާއި އެވަގުތު އެ ރޫމްގައި އިތުރު އެއްވެސް މީހަކު ނެތް ކަމަށް މުސްލިމް ބުންޏެވެ.

"ބޭބެ މޫނުމަތީ އޮތީ ފޮތިގަނޑެއް އަޅާފައި. ރޫމްގައި ނެތް ޑޮކްޓަރެއްވެސް ނަރުހެއްވެސް. ރޫމް އޮތީ ހުސްކޮށް. ކަމެއް ސިއްރު ކުރާނީ އެކަމެއްގައި ކޮންމެވެސް ކަމެއް އުޅޭތީތާ. ކޮންމެހެން ދޮގުތަކެއް ހަދައިގެން އެމީހުން (ކަރެކްޝަންސް) އުޅޭތީވެ، އަހަރުމެންނަށް 100 ޕަސެންޓް ޔަގީން އަނިޔާއެއް ދީގެން މަރުވީކަން،" މުސްލިމް ވިދާޅުވިއެވެ.

މުސްލިމް ބުނީ ލިޔެކިޔުމުން ހުށަހެޅުމުން އަސްލަމް މަރުވެގެން ވެއްޓުނު ވީޑިއޯ ދައްކާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ކުރިއަށްދާނެ ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި އާއިލާއިން މަޝްވަރާ ކުރުމަށްފަހު ވަކިގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުމެން ބޭނުން ބޭބެ މަރާލީތޯ ނުވަތަ ނެޗުރަލް ޑެތެއްތޯ ބަލަން. މިހާރު ޝައްކު އުފެދެނީ އެމީހުން ދޮގު ހަދާތީ. ދެން މިކަމުގައި ކުރިއަށްދާނެ ގޮތް ނިންމާނީ އާއިލާއިން މަޝްވަރާކޮށްފައި،" މުސްލިމް ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ މަރުވީ މިއަދު އިރުއޮއްސި 6:00 ހާއިރު ޔާޑު ސަރަހައްދުގައި އިށީންދެގެން އިންދައި ކުއްލިއަކަށް ވެއްޓުމާ ގުޅިގެން، އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އޭނާ މަރުވެފައިވަނީ މިރޭ 8:23 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ޖަލުގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.