ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ މަރުވެފައިވަނީ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40) ކަމަށެވެ. އަދި އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށްވެސް ބުންޏެވެ.

އޭނާ މަރުވީ މިއަދު އިރުއޮއްސި 6:00 ހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދައި ކުއްލިއަކަށް ވެއްޓުމާ ގުޅިގެން، އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވެފައިވަނީ މިރޭ 8:23 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން އަންނަނީ އަސްލަމްގެ ޖަނާޒާގެ ކަންތައްތައް އާއިލާއާ ގުޅިގެން ކުރަމުންނެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ޖަލުގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ފަރާތެކެވެ.