ހިޔާ ފުލެޓުތަކުގެ ކުއްޔާއި އަގު ކުޑަކޮށް އެތަންތަނުގެ ފިނިޝިންއަށް ދީފައިވާ ގުރޭސް ޕީރިއަޑް އިތުރުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ވިދާޅުވީ، ހިޔާ ފުލެޓުގެ ޕެޓިޝަނާ ބެހޭގޮތުން މީގެ ކުރިން ކޮމިޓީގައި މެންބަރުން މަޝްވަރާކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ މުހިއްމުކަން ފާޅުކުރެއްވި ކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖެހިދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީން ރައީސް ސޯލިހާ ބައްދަލުކުރުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަލީމް ވިދާޅުވީ، މި ޕެޓިޝަންގެ މައިގަނޑު މަގުސަދަކީ ފުލެޓުތަކުގެ ކުލި ކުޑަކުރުން ކަމަށެވެ. އެކަން އެގޮތަށް ކުރެވޭނީ، ސަރުކާރުގެ އެހީތެރިކަމާއެކު، އެކަމުގައި ސަރުކާރުން ދެކޭ ގޮތް ކޮމިޓީ މެންބަރުންނަށް ވިސްނިގެން ކަމަށެވެ. އަދި އެކަމުގައި ފަހުބަސް ވިދާޅުވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަަށް ފަސޭހަފުޅު ގަޑިއެއްގައި ކޮމިޓީން އެމަނިކުފާނާ ބައްދަލުކުރަން ދެންނެވުމަށް ސަލީމް ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ކަނޑީތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް އަބުދުލްހަކީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅެއްނެތި އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެ ޕެޓިޝަނަށް އެންމެ މުހިއްމު ވަނީ، ރައީސްގެ ބަސްފުޅެއް ހޯއްދެވުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނާ ގުޅުން ހުންނަ ކަަންކަމުގައި މަޝްވަރާ ކުރެއްވުމަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ރައީސް ސޯލިހާ ބައްދަލުކުރަން ކޮމިޓީން ނިންމިއެވެ.
އެ ޕެޓިޝަނާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ ކޮމިޓީއަށް ހާޒިރުކުރަން ވެސް މީގެ ކުރިން ކޮމިޓީން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ރަހީމާ ސަލީމްވެސް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފައެވެ.
ނަމަވެސް ޑރ. މުއިއްޒު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައެއް ނުގަންނަވައެވެ. އެހެެންކަމުން މިމަހުގެ 22 ވަނަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް މުއިއްޒުއަށް ދެންނެވުމަށް ވެސް ކޮމިޓީން މިއަދު ނިންމިއެވެ.
ހުޅުމާލެ ފުލެޓުތަކުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް، ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ތިން ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލެޓުތަކަށް މަހަކު ދައްކަންޖެހޭ 8500 ރުފިޔާ، 5600 އަށް ކުޑަ ކުރުމަށާއި، އިންޓީރިއާ ފިނިޝިންއަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތުގެ ބަދަލުގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށާއި، ފުލެޓުގެ ޖުމުލަ އަގުގެ އަދަދުން އެއްލައްކަ ރުފިޔާގެ ކަނޑާލަ ދިނުމަށެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ 1300 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު