މަނީ ލޯންޑާކުރިކަން ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމުގެ ދިފާއަށް އެމްއެމްޕީއާރުސީ މައްސަލައިގައި ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ބަޔާނުން އާ ހެކިތަކެއް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވީ، ގއ. ވޮޑުމުލާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައިގެން އެއިން މަންފާ ހޯދާފައިވާ މައްސަލައިގައެވެ.

ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުގައި އެންމެ މުހިއްމު ހެއްކަކީ އޭސީސީގެ ކުރީގެ ރައީސް މުވައްވިޒް ރަޝީދުގެ ފަރާތުން ދީފައިވާ ހެކިބަހެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ކުރިމިނަލް ކޯޓަށް ހެކިބަސްދެއްވަމުން މުއައްވިޒް ވިދާޅުވީ، ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ރައީސް އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުންހުރި ފައިސާތަކެއްކަން އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން އެފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވަނީ ނިންމައިފައެވެ.

މުވައްވިޒްގެ ހެކިބަސް ރަނގަޅު ނޫން ކަމަށް ސާބިތު ކުރުމަށް، އާ ހެކިތަކެއްގެ ގޮތުގައި ރައީސް ޔާމީންގެ ވަކީލު އަލީ ޝާހު މިއަދުގެ ޝަރީއަތުުގެ މަޖިލީހަށް ހުށަހެޅުއްވި ހެކިތަކުގެ ތެރޭގައި ހިމެނެނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދީފައިވާ ބަޔާނުގައި ހިމެނޭ ވާހަކަތަކަކާއި އަދީބާއި މުހައްމަދު ހުސައިން (އޮއިއްޓޭ)އާ ދެމެދު ބަދަލުކޮށްފައިވާ އެސްއެމްއެސް މެސެޖުތަކެވެ. އޮއިއްޓޭ ބެލެވެނީ ހިޔާނާތުގެ ފައިސާ ބަހަން ބޭނުންކުރި މީހާގެ ގޮތުގައެވެ.

އެ ހެކިތައް ހުށަހަޅުއްވަމުން އަލީ ޝާހު ވިދާޅުވީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ މެދުވެރިކޮށް މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ފައިސާ ދީފައިވާ ކަމަށް އަދީބުގެ ބަޔާނުގައި ހިމެނޭ ކަމަށެވެ. އޭގެ ތެެރެއިން އޭސީސީގެ އޭރުގެ ނައިބު ރައީސް މުއައްވިޒު ރަޝީދަށް ވެސް ގިނަ އަދަދެއްގެ ފައިސާ ދީފައިވާނެ ކަމަށް އަދީބު ބަޔާނުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އޮއިއްޓޭ އާއި އަދީބާ ދެމެދު ބަދަލު ކޮށްފައިވާ އެސްއެމްއެސްތަކެއްގެ މައުލޫމާތު ވެސް ފޯނު ނަންބަރުތަކާއެކު ޝާހު ހާމަކޮށްފައިވެއެވެ. އެގޮތުން މުއައްވިޒަށް ހަތަރު ލައްކަ ދިނުމަށް އޮއިއްޓެއަށް އަދީބު މެސެޖު ކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ހަތަރު ލައްކަ ރުފިޔާ ކަމެއް ނުވަތަ ޑޮލަރުކަން އެ މެސެޖުން ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވާ މުޅި މައްސަލަ ބިނާވެފައިވަނީ، މުއައްވިޒުގެ ހެކި ބަހަށް ކަމަށް ރައީސް ޔާމީންވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަމިއްލަ ދިފާއުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެސްއޯއެފް މެދުވެރިކޮށް ޖަމާވި، ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ކަމަށް އޭސީސީން އެމަނިކުފާނަށް އަންގައި ސަމާލުކަމަށް ގެނެސްފައިވާކަން މުއައްވިޒް ޝަރީއަތުގައި ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގަށް ދެއްވި ބަޔާނުގައި، ރައީސް ޔާމީނާ ބައްދަލު ނުވާ ކަމަށް މުއައްވިޒް ވިދާޅުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެކަން މުވައްވިޒަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.