ޚަބަރު

ވެލާނާގޭ ނަން ބަދަލުކޮށް ރައީސް ނާސިރާ ގުޅުންހުރި މުދަލުގެ ފައިދާއިން 50 ޕަސެންޓް ތިނަދުއަށް ދޭން ހުށަހަޅައިފި

ރިފާ ހަލީލު

1

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެރަށު ކައުންސިލުން އޮމްބަޑްސް ޕާސަން ގެ އޮފީހަށް ހުށަހަޅައިފި އެވެ.

ތިނަދޫ ކައުންސިލުން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި، 1962 ވަނަ އަހަރު ސަރުކާރުން ތިނަދޫން މީހުން ބާލުވައި ހިންގި ލާއިންސާނީ އަމަލުގެ ސަބަބުން އެރަށު މީހުންނަށާއި އެރަށަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅަން ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލް ރައީސް ސައުދު އަލީ ވަނީ "ވަން" އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.

ސައުދު ވިދާޅުވީ މިއަދު މެންދުރު އެ މައްސަލަ އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ އޮފީހުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.

ސައުދު ވިދާޅުވީ ރޭގެ އެ ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ، 1962 ވަނަ އަހަރު އެއްވެސް ހައްގަކާ ނުލައި އިންސާނީ ކަރާމާތަށް ފުށުއަރާގޮތަށް މީހުން ބާލައި އަނިޔާކުރި މައްސަލައިގައި ތިނަދޫ ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ. އެގޮތުން އޭރުގެ ސަރުކާރުން ތިނަދޫން މީހުން ފޭބުމަށް އެންގި ކަމަށާއި އެކަމުގެ ސަބަބުން އޭރު ތިނަދޫ އާބާދީގެ ގިނަ އަދަދެއް މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އޭގެ ހަތަރު އަހަރު ފަހުން ތިނަދޫގައި އަލުން އާބާދު ވުމަށް ސަރުކާރުން ހުއްދަ ދިނުމުން އެ ރަށުގައި މީހުން އާބާދުވި އިރު އިންސާނުން ދިރިއުޅުމަށް ބޭނުން ވާނެ އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ. އެހެން ކަމުން މިއީވެސް ތިނަދޫ ރައްޔިތުންނާ މެދު ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށާއި އެކަން ބެލެން ޖެހޭނެ ކަމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ތިނަދޫ ރައްޔިތުންނަށް ހައްގު ބަދަލާއި އިންސާފު ލިބެން ޖެހޭނެ. އޭރު އެއްވެސް ވަސީލަތެއް ނެތި މިރަށުގަ މީހުން ހާދަ ހާލެއްގައޭ އުޅުނީ. އެގޮތަށް ސަރުކާރުން އަމަލު ނުކުރި ނަމަ ތިނަދު އޮންނާނީ 200 އަހަރު ކުރީގަ. ދެން ކައުންސިލުން މި ނިންމުން ނިންމީ ތިނަދޫ ރައްޔިތުންގެ ހައްގުގަ. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެތައް ހައްގެއް ހޯދައި ދިނުމަށް މި މައްސަލަ އޮމްބަޑްސް ޕާސަން އޮފީހަށް މި ހުށަހެޅީ." އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ވެލާނާގެއަކީ ދައުލަތުގެ ބިމެއް ނަމަވެސް އެތަނުގެ ނަމަކީ ރައީސް ނާސިރާ ގުޅިފައިވާ ނަމަކަށްވާތީ، އެ އިމާރާތުގެ ނަންނަ "ގދ. ތެނަދޫ ވެލާނާ ބިލްޑިން"ގެ ނަމަށް ބަދަލު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ރައީސް ނާސިރާ ގުޅުން ހުރި އަދި މި ގަތުލު އާންމުގައި ބައިވެރިވި އެންމެހާ މީހުންގެ މުދަލާއި އެމީހުންނާއި ގުޅުން ހުރި ތަންތަނުން ލިބޭ ފައިދާގެ 50 ޕަސެންޓު ތިނަދުއަށް ލިބޭނެ ގޮތެއް ހަދައި ދިނުމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ތިނަދޫ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމާ އެކު ތިނަދޫން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް ސައުދު ވަނީ ގޮވާލައްވާފަ އެވެ.