ޕައިލެޓުންގެ މުސާރައާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ ޕައިލެޓުންނާ އެކު ރައީސުލްޖުމްހުރިއްޔާ ބައްދަލުވުމެއް ބާއްވަވާފައި ވަނީ މިއަދު މެންދުރު 12:00 ގައި، ރައީސް އޮފީހުގައި ކަމަށެވެ. ޕައިލެޓުންގެ ހުރި ކަންބޮޑުވުންތަކާއި މުސާރައާ ގުޅޭ ގޮތުން އެ މީހުންގެ ހުރި ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ހިއްސާ ކުރި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ ޕައިލެޓުންގެ މުސާރައިން އުނި ކުރި ބައި އިއާދަ ކުރުމުގެ މަސައްކަތް މި މަހުން ފެށިގެން ފަށާނެ ކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް މުސާރައިގެ 80 ޕަސެންޓް އިއާދަ ވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މަޑުމަޑުން މުސާރަ އެއްކޮށް ދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑު-19 އާ ގުޅިގެން ޕައިލެޓުންގެ މުސާރައިން ވަނީ 40 ޕަސެންޓް އުނިކޮށްފަ އެވެ. މިކަމާ ގުޅިގެން ގިނަ ޕައިލެޓުންތަކެއް އިސްތިއުފާ ދީ އިހުތިޖާޖު ވެސް ވަނީ ކޮށްފަ އެވެ.
ޕައިލެޓުން ރައީސް ސޯލިހާ ބައްދަލު ކުރުމުގެ ކުރީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް ވެރިންތަކެއްވެސް ވަނީ ޕައިލެޓުންނާ ބައްދަލު ކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައިފަ އެވެ.
މޯލްޑިވިއަންގެ ޕީއާރް މެނޭޖަރު މޫސާ ވަސީމް "ވަން" އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ޕައިލެޓުން މަސައްކަތަށް ނިކުންނަން ފަށާފައިވާ ކަމަށެވެ.
މޫސާ ވިދާޅުވީ މޯލްޑިވިއަންގެ ހުރިހާ މުވައްޒަފުންގެ މުސާރައިން ވެސް ކޮވިޑާ ގުޅިގެން އުނިކުރި ބައި މިމަހުން ފެށިގެން އިއާދަ ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު