ރ. ކިނޮޅަހުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ކިނޮޅަސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ.
ކިނޮޅަސް ކައުންސިލުގެ ރައީސް އަހުމަދު ހުސައިން މިއަދު "ވަން"އަށް ވިދާޅުވީ އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ފުލޫ ކުލިނިކަށް ދެއްކި މީހެއް ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ކޭސްތަކާ ގުޅިގެން ކިނޮޅަހުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ. އަދި ގްރޭޑް ނުވައަކާއި ދިހައެއްގެ ދަރިވަރުން ފިޔަވައި އެހެން ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުން މެދުކަނޑާލާފައިވާ ކަމަށް ވެސް އަހުމަދު ހުސައިން ވިދާޅުވިއެވެ.
މޮނީޓަރިންގެ ހާލަތުގައި މިވަގުތު 18 ރަށެއް އެބައޮތެވެ. އެއީ ރ. ދުވާފަރު، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ. މަޑަވެލި، ލ. މުންޑޫ، ށ. މިލަންދޫ، ވ. ތިނަދޫ، ހދ. ނޮޅިވަރަމް، މ. ވޭވަށް، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ، ހުޅުމީދޫ، ރ. ރަސްމާދޫ، ގދ. ފަރެސްމާތޮޑާ، ވ. ފުލިދޫ އަދި ރ. ކިނޮޅަހެވެ. އޭގެ ތެރެއިން ދުވާފަރު މޮނީޓަރިންގެ ހާލަތުގައި އޮންނަތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު