ކ. މާފުށީގައި ދުއްވަމުންދިޔަ ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އޭޑީކޭގައި ފަރުވާދެމުން އެބަދެއެވެ.
މާފުށީ ސިއްހީ ސިއްހީ މަރުކަޒުގެ މެނޭޖަރު ސަލްމާން ރަޝީދު މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެތަނުން އަވަސް ފަރުވާދިނުމަށްފަހު އޭޑީކޭއަށް ފޮނުވީ ރޭ 10:00 ހާއިރު ކަމަށެވެ.
އޭނާގެ އެތެރެ ހައްޓަށް ލިބިފައިވާ އަނިޔާ ނޭނގުނު ނަމަވެސް ބޭރު ފުށުން އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.
ސަލްމާން ވިދާޅުވީ ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން އޭނާގެ އަނގައިންވެސް ލޭ އަންނަ ކަމަށެވެ. އެހެންކަމުން އެމަޖެންސީކޮށް އަވަހަށް އޭނާ އޭޑީކޭއަށް ފޮނުވައިލީ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.
"ރޭ ދިހައެއް ޖަހާއެހާކަންހާއިރު އެމަޖެންސީކޮށް އޭނާ އޭޑީކޭއަށް ފޮނުވީ މިކޮޅުން އަވަސް ފަރުވާ ދިނުމަށްފަހު. އެތެރެއިން ލިބިފައި ހުރި އަނިޔާތަކެއް ނޭނގުނު ނަމަވެސް ބޭރު ފުށުން ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައި،" ސަލްމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދެ ލޯންޗު އެކްސިޑެންޓުވީ މަހަށް ގޮސް އުޅުމަށްފަހު ރަށަށް ލެފުމަށް، ދެ ލޯންޗު އެކީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭގެ ތެރެއިން އެއް ލޯންޗުގައި އިނީ އެންމެ މީހެއް ކަމަށާއި އަނިޔާވީ އެމީހާއަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ ހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު