އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓުވީޓަކުން ސަރުކާރަށް މެސެޖެއް ދެއްވައިފިއެވެ.
ޖިންސީ ގޯނާހެ ތުހުމަތުތަކާ ގުޅިގެން ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނިކޮށް، މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކަން އެގައުމުގެ ފުލުހުން ދިވެހި ފުލުހުންނަށް ވަނީ އަންގައިފައެވެ.
އަލީ ވަހީދުގެ ޓުވީޓުގައި ވިދާޅުވީ، ސިޔާސީ ދައުވާތަކާއި މީހުން ފުރޭމްކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށެވެ. އަދި އިންސާފުވެރި، އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މި ޓުވީޓު ކުރެއްވި އިރު، އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ބަންދުން އޭނާ މިނިވަންވި ކަމެއް އަދި ނޭނގެއެވެ. އަދި ވިސާގެ މުއްދަތު އިތުރުކުރަން ނުވަތަ އެގައުމުގެ ހިމާޔަތް ހޯއްދަވަން އެދިވަޑައިގެންފައިވި ނަމަވެސް އެކަން ހަމަޖެހުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހައްޔަރުކުރި އިރު، ކޯޓު އަމުރު ރައްދުވުމުންވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އޭނާ ޖަލަށް ލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެ ކޯޓުން ކަރެކްޝަންސްއަށް އަންގާފައިވާ އިރު، އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ކަރެންޝަންސް އިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު