އިސްލާމީ ތާރީޚު

އެންމެ ބޮޑު ފަތަޙަ - މައްކާ ފަތަޙަ ކުރެއްވުން 02

އަބްދުﷲ ފާރޫގް ހަސަން

(06 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

މައްކާ ފަތަޙަކުރެއްވުމުން މުސްލިމުންނަށް ޢަމަލީގޮތުން ވަނީ ޢަރަބިކަރައިގެ ވެރިކަން ލިބިފައެވެ. މުސްލިމުންގެ ކުރިމަތީގައި ދެން އޮތީ ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ދަޢުވަތު ފަތުރައިލުމެވެ. އެހެންކަމުން އިތުރު ސާހިބާ މައްކާ ފަތަޙަކުރެއްވުމަށްފަހު ދެއްވި ޚުޠުބާގައި މުޚާޠަބު ކުރެއްވީ ހަމައެކަނި މައްކާގެ އަހުލުވެރީންނަކާ ނޫނެވެ. އަދި ކީއްތޯއެވެ. މުޅި އިންސާނީ ނަސްލަށެވެ.

ފަތަޙައިގެ ޚުޠުބާ

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ ފަތަޙައިގެ ޚުޠުބާ ފައްޓަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"اللّـه ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެކަލާނގެ ރަސްކަންފުޅަށް ބައިވެރިޔަކު ނުވާ އެއްކައުވަންތަ اللّـه އެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރެއްވިއެވެ. އެކަލާނގެ އަޅާއަށް ނަޞްރު ދެއްވިއެވެ. އަދި އެއްކައުވަންތަ ހާލުކޮޅުގައި ދެކޮޅުވެރި ހުރިހާ ޖަމާޢަތްތަކެއް ބަލިކުރެއްވިއެވެ."

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! މިއަދަކީ ތިޔަބައިމީހުންގެ ޖާހިލިއްޔަތުގެ ބޮޑާކަން ނިގުޅުއްވައިގެންނެވި ދުވަހެވެ. އެބޮޑާކަމަކީ ތިޔަބައިމީހުން ކާބަފައިންގެ މާތްކަމާހުރެ ބޮޑާވާ ބޮޑާވުމެވެ. އެންމެހައި މީސްތަކުންނީ آدم ގެފާނުގެ ނަސްލުގެ މީހުންނެވެ. آدم ގެފާނު ހެއްދެވީ މަށީންނެވެ. އެއަށްފަހު ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތް ކިޔަވައި ވިދާޅުވިއެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حـوّاى ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ތަޢާރުފު ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللّـه ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން اللّـه އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ." (الحجـرات: 13)

އާދެ، އިސްވެދިޔަ ބަސްފުޅުތަކުން އެނގެނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم އަކީ ދުނިޔޭގެ އެހެނިހެން ޝަހެންޝާހުންފަދަ ރަސްކަލެއް ނޫންކަމެވެ. ޑިކްޓޭޓަރެއް ނޫންކަމެވެ. އެހެނިހެން ފާތިޙުން ކަހަލަ ފާތިޙެއްވެސް ނޫންކަމެވެ. އެދުވަސްވަރުގެ ޝަހެންޝާހުންނާއި، ގޮށްމުށު ބާރުގެ ވެރީންފަދަ ވެރިޔެއް ނޫންކަމެވެ. އާދެ، އެމާތް ސާހިބާއަކީ މާތް اللّـه ގެ ތެދުވެރި ރަސޫލެއްކަމެވެ. މާތް اللّـه ގެ ރަސްކަންފުޅު ފިޔަވައި އަޅުކަންވެވޭ އެހެން ހުރިހާ ފަރާތްތަކެއް އެންމެ ފުރަތަމަވެސް ނަފީކުރެއްވީ އެހެންވެގެންނެވެ. އެދުވަސްވަރުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ފާތިޙުންނަކީ ތިމާމެންގެ އަމިއްލަ ނަފްސު އިލާހުވަންތަކަމުގެ ދަރަޖަޔަށް އުފުލާ ބައެކެވެ. އަދި ކީއްތޯއެވެ؟ އެއުރެންގެ ހާމާނުންނާއި ޤާރޫނުންވެސް އިލާހުން ކަމުގައި ބަލައިގަތުން ރައްޔިތުންނަށް މަޖުބޫރު ކުރުވާ ބައެކެވެ. ނަމަވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم އިޤުރާރު ކުރެއްވީ އަރަހުށި ހުސް ޠާހިރުވަންތަ މާތް اللّـه ގެ އުލޫހިއްޔަތެވެ. ނަބީބޭކަލެއްގެ ހައިސިއްޔަތުން އެމާތް ސާހިބާއަކީ މުޅި އިންސާނިއްޔަތުގެ މުޢައްލިމުލް އަޚުލާޤެވެ. މުސްލިޙު އަޢުޒަމެވެ. އެހެންކަމުން އެމާތް ސާހިބާ ޢަޞަބިއްޔަތާއި ބަދަލުހިފުމާއި، ބޮޑާކަމާއި ކިބުރުވެރިކަމާއި ނަސްލީ ފަޚުރުވެރިކަން ޙަރާމް ކުރެއްވިއެވެ. އެމާތް ސާހިބާ އެ މުނާސަބާގައިވެސް ދެއްވީ އިންސާނީ ހަމަހަމަކަމާއި، އެއްބަނޑު އެއްބަފާކަމުގެ ދަރުސެވެ. އިތުރު ސާހިބާގެ ފަތަޙައިގެ ޚުޠުބާގައި ޢިއްޒަތާއި ޝަރަފުގެ މިންގަނޑެއް ކަމުގައި އިޢުލާނު ކުރެއްވީ ތަޤުވާވެރިކަމެވެ. އެކަމުން ސާބިތުކޮށްދެނީ އެމާތް ސާހިބާ ގެންނެވި ދީނަކީ ތެދުވެރި ދީނެއްކަމެވެ. އިންސާނީ ފިޠުރަތާ އެއްގޮތް ދީނެއްކަމެވެ. އިލްހާމީ ދީނެއްކަމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މި ޚުޠުބާގައި ހާމަކުރެއްވި ޢިބުރަތުން ފުރިގެންވާ އަނެއް ޙަޤީޤަތަކީ އެބޭކަލެއްގެ ތުއްޕުޅުއިރު ބާދިޔަތުގައި ޒުވާން އުމުރުފުޅު ބަކަރި ހުއިހެއްޕެވުމާއި ވިޔަފާރީގައި ހޭދަކުރެއްވި ބޭކަލަކަށް އަށެއްކަ އަހަރުގެ ކުރު މުއްދަތުގައި ދެކޮޅުވެރި ހުރިހާ ބާރުތަކެއް ބަލިކޮށްލެއްވެވުނީ އަމިއްލަ މުލައްދަނޑިފުޅުގެ ބާރަކުން ނޫންކަމެވެ. އަރަހުށި މާތް اللّـه ގެ މަދަދާއި ވާގިފުޅާ އެކުގައިކަމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އިސްލާމްދީނުގެ ދުޝްމިނުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންގެ މައްޗަށް ފަތަޙައަކަށްފަހު ފަތަޙައެއް ހޯއްދަވަމުން ގެންދަވައި ގާތްގަނޑަކަށް މުޅި ޢަރަބިކަރައިގެ ބިމާއި، އެބިމުގެ އަހުލުވެރީންގެ ހިތްތައް ފަތަޙަކުރެއްވީ ކުރީންވެސް ދެންނެވި ފަދައިން އަށެއްކަ އަހަރުގެ ކުރުމުއްދަތުގެ ތެރޭގައެވެ. ޝައްކެއްނެތް ގޮތުގައި އެއީ މުޢުޖިޒާއެކެވެ. ޣައިބީ ބާރެއް އެކަލޭގެފާނު ރައްކާތެރިކުރައްވައި ޙިމާޔަތްކުރައްވައި ނަޞްރުވެރި ކުރެއްވިކަމުގެ ފާޅުކަން ބޮޑު ހެތްކެކެވެ.

ޢާއްމު މަޢާފެއް އިޢުލާނު ކުރެއްވުން

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم މައްކާގެ އެންމެންނަށް ޢާއްމު މަޢާފެއް ދެއްވިއެވެ. މިއީވެސް އެޒަމާނުގެ ފާތިޙުން ކަންތައް ކުރަމުން ގެންދިޔަގޮތާ ޚިލާފަށް އެމާތް ސާހިބާ ދެއްކެވި މުޅީން ތަފާތު ނަމޫނާއެކެވެ. މައްކާގެ އަހުލުވެރީންނަކީ އެމާތް ސާހިބާއާއި މުސްލިމުން ރަށުން ނެރެލައި އިންތިހާދަރަޖައިގެ އަނިޔާވެރި ގޮތުގައި މުޢާމަލާކުރި މީހުންނެވެ. މުސްލިމުންގެ ވަސްވެސް މި ހަސްތީން ފޮހެލަން ބަނޑާއި ބުރަކަށީން އަޑުކިޔަންދެން ހިފި މީހުންނެވެ. މުސްލިމުންނާ ހަނގުރާމަ ކުރުމުގައި ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ދޫކޮށްނުލި މީހުންނެވެ. އެކަމަކު އެދުވަހު އެމީހުން ތިބީ އާރެއް ބާރެއް ނެތިފައެވެ. ގޮތްހުސްވެފައެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެފުޅުގެ ދޮރުކޮޅުމަތީގައި ހުންނަވައި ޤުރައިޝުންނާ ސުވާލު ކުރެއްވިއެވެ. އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! މިއަދު އަހުރެން ތިޔަބައިމީހުންނާމެދު ކޮންގޮތަކަށް ޢަމަލުކުރާނެ ކަމުގައި ތިޔަބައިމީހުން ހީކުރަމުހެއްޔެވެ. ތިމާމެންގެ ހިތް ހަރުކަމާއި އަނިޔާވެރިކަން ޤުރައިޝުން ރަނގަޅަށް ހަނދާން ހުއްޓެވެ. ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ނަބިއްޔާގެ އޯގާވެރިކަމާއި، ދީލަތިފުޅުކަމާއި، ކޯފާ މަޑުކަމާއި، ޢަފޫކުރެއްވުން ހުންނަލެއް ބޮޑުކަންވެސް އެމީހުން ދަނެއެވެ. އެހެންކަމުން އެމީހުން އެއްދުލުން އެއްއަޑަކުން ދެންނެވިއެވެ. "ދީލަތިފުޅު އަޚަކީމުއެވެ. ދީލަތިފުޅު އަޚެއްގެ ދަރިކަލަކީމުއެވެ. ދެރަގޮތެއް ނަހައްދަވާނޫއެވެ." އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "މިއަދު ތިޔަބައިމީހުންނަށް އެއްވެސް އިލްޒާމެއް ނުވަތަ ކުށްވެރިކުރުމެއް ނެތެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ހިނގައިދާށެވެ." މުއައްރިޚުން ވިދާޅުވެފައިވާ ގޮތުގައި ޤުރައިޝުން އެނބުރި ދިޔައިރު އެބައިމީހުންނަށް ހީވީ ކަށްވަޅުން ތެދުވެގެން ގެއަށްދާން ހުއްދަ ލިބުނުހެންނެވެ.

ޝައްކެއްނެތެވެ. މިއީވެސް އިތުރު ސާހިބާގެ ނުބުއްވަތުގެ ވަރަށް ޞަރީޙަ ދަލީލެކެވެ. އެމާތް ސާހިބާއަކީ رحمــةالّـلعــالمـيــن ކަމުގެ ފާޅުކަން ބޮޑު ހެތްކެކެވެ. އިތުރު ސާހިބާ އެދެއްކެވީ އެޒަމާނުގެ ޚާއްޞަކޮށް ޢަރަބީންގެ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ އުސޫލާ މުޅިން ތަފާތު ނަމޫނާއެކެވެ. އެމާތް ސާހިބާ މަފްތޫޙުންގެ ޖާނަކާވެސް މާލަކާވެސް ހުރަހޮޅިވަޑައެއް ނުގަންނަވައެވެ. ހަނގުރާމައިގެ ބޮޑެތި ބޮޑެތި ކުށްވެރީންނަށް ދާންދެން މަޢާފު ދެއްވައި ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާ އެދުވަހު ހަނގުރާމައިގެ ކުށްވެރީންނާމެދު ޢަމަލުކުރެއްވި ގޮތްކޮޅު ވިހިވަނަ ސައްތައިގައި މިވަނީ އދ. ގެ އިންސާނީ ޙައްޤުތަކުގެ ދުސްތޫރުގެ އަސާސްކަމުގައި ވެފައެވެ.

އިތުރު ސާހިބާ މިދެއްކެވި ނަމޫނާއަކީ ކީރިތި ޤުރްއާނަކީ ޙައްޤު ތެދުބަސްފުޅުކަންވެސް ސާބިތުކޮށްދެއްވުމުގެ ނަމޫނާއެކެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޚުލުޤުފުޅާއި ނަބަވީ މުޢާމަލާ ކުރެއްވުމާމެދު ކީރިތި ޤުރްއާނުގައި އަންގަވައިފައިވަނީ އިންސާނިއްޔަތަށްޓަކައި ރީތި ނަމޫނާއެއް ކަމުގައެވެ. އިތުރު ސާހިބާއާ މަތިކުރެވިފައިވާ މަސްއޫލިއްޔަތަކީ އިސްލާމީ ތަޙުރީކަކީ ބައިނަލްއަޤުވާމީ ހަރަކާތަކަށް ހެއްދެވުމެވެ. ދުނިޔޭގެ ޤައުމުތަކުގައި ޢާއްމުވެފައި އޮތް ޝިރުކާއި ވަހުމުގެ ކަޅު އަނދިރިކަން ފިލުއްވައިލެއްވެވުމެވެ. ރައްޔިތުންގެ ލޭބޮމުން ގެންދިޔަ ކިސްރުވާނިއްޔަތާއި ޤައިޞަރިއްޔަތުގެ ގޮށްމުށު ބާރުގެ ދަށުން ދުނިޔެ ސަލާމަތް ކުރެއްވުމެވެ. މި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤުރައިޝުންގެ ދައުރު މުހިންމެވެ. އެބައިމީހުންގެ އެއްބާރުލުން ހޯއްދެވުން ބޭނުންތެރިއެވެ. އެހެންކަމުން އިތުރު ސާހިބާ ވަނީ ޤުރައިޝުން ވެރިވެގެންތިބި މުހާޖިރިއްޔަ ބޭކަލުންގެ ގެދޮރާއި ހަރުމުދާވެސް ޤުރައިޝުންގެ ބާރުގެ ދަށުގައި ހުރިގޮތަށް ހުރުމަށް ދޫކޮށްލައްވައިފައެވެ. އޭގެތެރޭގައި ޚުދު އެމާތް ސާހިބާގެ ގެކޮޅުވެސް ހިމެނެއެވެ. (އެނގިވަޑައިގަންނަވާނެ ފަދައިން މުހާޖިރިއްޔަ ބޭކަލުން މަދީނާއަށް ހިޖުރަކުރެއްވުމުން މައްކާގެ ޤުރައިޝުންވަނީ މުހާޖިރުންގެ ނުއުފުލޭ މުދަލަށާއި އުފުލޭ މުދަލަށް ވެރިވެގެންފައެވެ.) ޤުރައިޝުންނަށް އިޙުސާންތެރިވެ ވަޑައިގެންނެވުމަށްޓަކައެވެ. އެބައިމީހުންގެ ހިތްހަމަޖައްސަވައި ދެއްވުމަށްޓަކައެވެ. މުހާޖިރުން އެތަކެތި ހޯއްދަވަން އެދިވަޑައިވެސް ގެންނެވިއެވެ. ނަމަވެސް އިތުރު ސާހިބާ އެބޭކަލުންނާ ވާހަކަ ދައްކަވައި މާތް اللّـه ގެ މަގުގައި ދޫކޮށްލެއްވި ތަކެތި އަނބުރާ ހޯއްދަވާން ނުއުޅުއްވަން ވިސްނައިދެއްވިއެވެ.

އިސްލާމީ ތަޙުރީކުގައި ޤުރައިޝުން ބައިވެރިކުރެއްވުން

ކައުސާހިބާ صلّــى اللّـه عليـه وسلّـم މައްކާ ފަތަޙަކުރެއްވުމުގެ އެންމެ ޚާއްޞަ މަޤުޞަދަކީ ޝިރުކުގެ ވެރިރަށް ފަތަޙަކުރައްވައި ޤުރައިޝުންގެ ހިތްތަކުގެ ލޯބި އިސްލާމީ ތަޙުރީކަށް ހޯއްދެވުމެވެ. އެހެންކަމުން އިތުރު ސާހިބާ ޤުރައިޝުންގެ ބައިޢަތު ހޯއްދެވިއެވެ. އިތުރު ސާހިބާ ޞަފާ ފަރުބަދައިގެ ކުންނަކަށް އަރައިވަޑައިގެން އިންނަވައި ޤުރައިޝުން ލައްވައި އިސްލާމްދީނަށް ބައިޢަތު ހިއްޕުވިއެވެ. ފިރިހެނުންގެ ބައިޢަތަށްފަހު އަންހެނުންގެ ބައިޢަތުވެސް ހޯއްދެވިއެވެ. އިތުރު ސާހިބާގެ ހުރިހާ ޢާއްމު ބައިޢަތުތަކެއްގައިވެސް އަންހެނުން ޝާމިލު ކުރެއްވިއެވެ. އިތުރު ސާހިބާ ދުނިޔެއަށް ހާމަކޮށްދެއްވީ ފިރިހެނުން ފަދައިން އަންހެނުންނަކީވެސް އިޢުތިޤާދާއި، ޚިޔާލާއި، ފިކުރުގައި މުސްތަޤިއްލު މިނިވަން ބައެއްކަމެވެ. މިޒަމާނުގެ ތަޢުބީރަކުން ދަންނަވާނަމަ މިއީ އަންހެނުންނަކީވެސް ފިރިހެނުންނާ އެއްވަރަށް ފިކުރާއި ޚިޔާލުގެ މުސްތަޤިއްލު މިނިވަންކަން ލިބިގެން ބައެއްކަން ދުނިޔެއަށް އެންގެވުމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم މިމަތިވެރި މަގާމު އަންހެނުންނަށް ދެއްވީ މިހާރުގެ މުހައްޒަބު ޤައުމުތައް އަންހެނުންނަކީ އިންސާނުންތޯ ނުވަތަ ނޫންތޯ ކުރާ ބަހުސުގައި އަރާރުންވޭވޭ ތިއްބައެވެ.

ޤުރައިޝުވަންހައިގެ އަންހެނުންނާއި، ފިރިހެނުން އުފަލުން ހިތުން ރުހުމުން އޮޅިއޮޅިޔަށް އައިސް އިސްލާމީ ތަޙުރީކަށް ބައިޢަތު ހިފަމުންދިޔަ މަންޒަރަކީ ހިތްތަކަށް ނުހަނު ފިނިކަމާއި ހަމަޖެހުން ލިބެމުންދިޔަ މަންޒަރެވެ. ނަމަވެސް ޤުރައިޝުންގެ ބޮޑުންގެ ތެރެއިން މަދުބަޔަކު ވަނީ އިސްލާމްދީނަށް ބައިޢަތު ނުހިފާންވެގެން މައްކާއިން ފައިބައި ފިލައިގެން ގޮސްފައެވެ. އެބައިމީހުންގެ ހިތް ހަރުކަމުގެ ސަބަބުންނެވެ. ނަމަވެސް އިތުރު ސާހިބާ އެ އެންމެންނަށްވެސް އަމާން ދެއްވިއެވެ. އެހެންކަމުން އެމީހުންކޮޅުވެސް ވަނީ ދުވަސްކޮޅެއްވަންދެން އެގޮތްމިގޮތަށް އުޅެލައިފައި އައިސް އިސްލާމްވެފައެވެ.

މިތާނގައި ފާހަގަކޮށްލުން ވަރަށް މުހިންމު ދެނުކުތާއެއް އެބައޮތެވެ. އެއްނުކުތާއަކީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ޤުރައިޝުންގެ ބައިޢަތު ހޯއްދެވުމުގައި އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި މަޖުބޫރު ނުކުރައްވާކަމެވެ. އިސްލާމްދީނުގެ އަސާސީ އުސޫލެއްކަމުގައިވާ ދީން ގަބޫލުކުރުމުގައި މަޖުބޫރު ކުރުމެއް ނެތުމުގެ އުސޫލަށް އިތުރު ސާހިބާ ވަރަށްބޮޑަށް ސަމާލުކަން ދެއްވިކަމެވެ. ދެވަނަ ކަމަކީ އިސްވެދެންނެވި ދީން ގަބޫލުކުރަން ފަސްޖެހުނު މީހުންގެވެސް މިނިވަންކަމަކަށް، ޖާނަކަށް މާލަކަށް ރައްޔިތެއްކަމުގެ އެއްވެސް ޙައްޤަކަށް އެއްވެސް މިންވަރެއް ހިފެހެއްޓެވުމެއް ނުގެންނަވާކަމެވެ.

މައްކާގެ ކަންތައް އަލުން އިންތިޒާމު ކުރެއްވުމަށްފަހު މައްކާގެ ވެރިކަން ދެއްވީވެސް މައްކާ ފަތަޙަ ކުރެއްވުމުގެ ތެރޭގައި އަލަށް އިސްލާމްވެވަޑައިގެންނެވި ޒުވާން ޤުރައިޝީއަކަށެވެ. عـتـّـاب بــن أُسَـيـد رضى اللّـه عنــه އަށެވެ. މައްކާގައި ހަމަޖެއްސެވި ހުރިހާ އިންތިޒާމުތަކެއް ޖުމުލަ ގޮތެއްގައި ބެލެހެއްޓެވުން ހަވާލުކުރެއްވީ معــاذ بــن جـبــل رضى اللّـه عـنــه އާ އެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙިކުމަތު ޢަމަލީގެ މަޤުޞަދަކީ كـعـبــة اللّـه ގެ ސަބަބުން މައްކާ މުއައްޡިމާއަށް ލިބިފައިއޮތް މަތިވެރި މަގާމާއި ތަޤައްދުސާއި، މަރުކަޒީ ހައިސިއްޔަތު ދެމެހެއްޓެވުމެވެ. ބައިނަލްއަޤުވާމީ އަހަންމިއްޔަތެއް އެރަށަށް ދެއްވުމެވެ. އިތުރު ސާހިބާގެ މި ދުރުރާސްތާ މަޝްރޫޢުގެ ފެށުމަކީ މުސްލިމުންގެ ޤިބުލައަކީ كـعـبــة اللّـه ކަމުގައި ހަމަޖެއްސެވުމެވެ. މައްކާ ފަތަޙަކުރެއްވުމަކީ އެ މަޝްރޫޢު ނިންމަވައި ސިއްކަ ޖެއްސެވުމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙިކުމަތާއި ރީތި ތަދުބީރުން ޤުރައިޝުން ނަފުސާނިއްޔާތުގެ ގޮތުން ތާހިރުކުރެއްވުމުން ޚުދު އެމީހުން އަމިއްލަޔަށް ބަދަލުވީ ހުއްދަނޫން ފައިދާ ހޯދާ އިބްލީހުގެ ވާގިވެރީންގެ އޮޅިއޮޅި ނައްތައިލަން ކަމަރު ބަނދެގެންތިބި ބަޔަކަށެވެ. އެއްކައުވަންތަކަމުގެ ބިންގަލުގެ މަތީގައި ޚާލިޞް އިންސާނީ މުޖުތަމަޢެއް ބިނާކުރަން ކުރިއަށް ނުކުމެތިބި ފަހުލަވާނުންތަކަށެވެ. އިސްލާމީ ތަޙުރީކުގެ ބަޠަލުން ތަކަކަށެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މައްކާ ފަތަޙަކުރެއްވުމުގައި ބޭނުންކުރެއްވި ޙިކުމަތު ޢަމަލީން ޤުރައިޝުންގެ ހިތްތައް ފަތަޙަކުރައްވައި އެބައިމީހުންނަކީ އިސްލާމީ ތަޙުރީކު ބޮލަރުވައިގެން އުދުއްސައިގަތުމަށް ތައްޔާރަށްތިބި އެ ތަޙުރީކުގެ ޕަރުވާނާއިން ކަމުގައި ހައްދަވައިލެއްވިކަމީ އެމާތް ސާހިބާގެ ބުއްދިފުޅު ތަނަވަސްކަމުގެ ލާމަސީލު މިސާލެކެވެ.

ކުރިންވެސް ދެންނެވި ފަދައިން ޤުރައިޝުންނަކީ ތިމާމެންގެ މަތިވެރިކަމާއި އަމިއްލަވަންތަކަމަށްޓަކައި ޖާނުދޭން ތައްޔާރަށްތިބޭ ބައެކެވެ. ހިތްވަރުގަދަ ހަނގުރާމަވެރި ބައެކެވެ. މިހުރިހާ ކަމަކާއެކުވެސް ޤުރައިޝުން މުސްލިމުންނާ ދެކޮޅަށް އަލުން ހަތިޔާރު ނުނެގުމާއި، އެއްވެސް ހުރަސްއެޅުމެއްނެތި ކައުސާހިބާއާ މައްކާ ހަވާލުކުރުމާއި މިކަންކަމަކީ ތާރީޚުން ދެވަނަ މިސާލެއް ނުފެންނާނެ ކަންތައްތަކެކެވެ. މިއީ ކައުސާހިބާގެ މިސާލެއް ނެތްފަދަ ތަދައްބުރާއި، ޢަސްކަރީ ނަފްސިއްޔާތު ދެނެވަޑައިގެންނެވުމާއި، ކަންކަން ރާއްވަވައި ހަމަޖައްސަވައިލައްވާ މޮޅުކަމުގެ ބަޔާންވެގެންހުރި ދަލީލެކެވެ.

އިތުރު ސާހިބާގެ މަތިވެރި ޙިކުމަތު ޢަމަލީން އިސްލާމީ ތަޙުރީކަށް މިލިބުނު އަފޫރުއްބަ ފައިދާއަކީ އެ ތަޙުރީކުގައި ޤުރައިޝުވަންހައިގެ ޒުވާނުން ފޯރިޔާއެކު ބައިވެރިވުމެވެ. ޤުރައިޝީ ޒުވާނުންގެ ތާޒާ ލޭގެ ސަބަބުން އެމަޝްރޫޢަށް އާރޯކަން ލިބުމެވެ. މައްކާ މުޢައްޡިމާއަކީ އިސްލާމީ ތަޙުރީކުގެ ވަރުގަދަ ކިއްލާއަކަށް ވުމެވެ. ކުރިންވެސް ދެންނެވި ފަދައިން ޤުރައިޝުންނަކީ ވަރަށް ކުރީއްސުރެ ޝާމުކަރަޔަށާއި، ފާރިސްކަރަޔަށާއި، ޔަމަނުކަރަޔަށާއި މިޞުރުކަރަޔަށް ވިޔަފާރި ދަތުރުކޮށް އުޅުނު ބައެކެވެ. ޠަބީޢީގޮތުންވެސް ޤުރައިޝުންނަކީ ވިސްނުން ތޫނު ބައެކެވެ. ސިޔާސީގޮތުން ނުހަނު ރޯފިލާ ބައެކެވެ. އެހެންކަމުން ވަށައިގެންހުރި ކަރަކަރައިގެ ޖިއޮގްރަފީއަށާއި ތާރީޚަށާއި ޤައުމީ ޚަޞީލަތްތަކަށް ޤުރައިޝުން ވަރަށް ފަރިތައެވެ. ނުހަނު ފާގައްޗެވެ. އެހެންކަމުން އިސްލާމީ ތަޙުރީކު ޢަރަބިކަރައިގެ ހަނަފަސް ސަހަރާގެ ވެށީން ބޭރަށްނެރެ ދުނިޔެއަށް ފަތުރައިލި އިސްލަޝްކަރުގެ ކޮމާންޑަރުން ކަމުގައިތިބީ ޤުރައިޝުންނެވެ. މިއީ މައްކާ ފަތަޙަ ކުރެއްވުމުގެ ރަން ނަތީޖާއެވެ.

(ނިމުނީ)