ޚަބަރު

ބޭރުން ރާއްޖެއަށް ނުފޫޒު ފޯރުވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން: މުއިއްޒު

އަލީ ޔާމިން

ބޭރުގެ ގައުމުތަކުގެ ފަރާތްތަކަށް ރާއްޖެއަށް ބާރާއި ނުފޫޒު ފޯރުވުމަށް ފުރުސަތު ލިބެނީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް ގްރޫޕެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު މިރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން މިހާރު އޮތީ އަމިއްލަ ބާރުވެރިކަން ދިވެހިންގެ އަތުން ގެއްލޭ ހިސާބުގައި ކަމަށެވެ. އެގޮތުން އަމިއްލައަށް ގިނަ ކަންކަމަށް ގޮތް ނިންމުމުގެ ބާރު ދިވެހިންނަށް މިހާރު ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިއަދު މިގައުމުގައި މިއޮތް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މިވަނީ މި ގައުމަށް ބޭރުގެ ފަރާތްތަކުގެ ބާރު ފޯރުވުމަށް ފުރުސަތު ލިބިފައި، އެކި ގޮތްގޮތުން. އެއީ އިގްތިސޯދީ ގޮތުންކަމުގައި ވިޔަސް އުމްރާނީ ގޮތުންކަމުގައި ވިޔަސް މިވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ބޮޑެތި ލޯނުތައް ނަގުވައިގެން ވިޔަސް އަދި އެކި ނަންނަމުގައި ހަދާ އެއާޕޯޓުތައް ވިޔަސް، މިލިޓަރީ ބޭސްވިޔަސް އެކި ކަންކަމުގައި މިތަނަށް އަތްގަދަ ކުރަމުން އެބަ ގެންދޭ،" މުއިއްޒު ވިދާޅުވިއެވެ.

އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓާއި އައްޑޫ މިލިޓަރީ ބޭސް އާއި ގުޅީފަޅު ޕޯޓް އަދި ކޮޗިން ފެރީއިން މިސާލު ނަންގަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީގެ އެކި ނަންނަމުގައި ރާއްޖެ އަންނަ ބޭރުގެ ފަރާތްތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް މިއަދު ކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ބަލަބަލައި ތިއްބައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިޔާދަނުކުރެވޭ ހިސާބަށް ގޮސްދާނެ ކަމަށެވެ.