ޅ. ފެލިވަރުގައި މަސް ޕްރޮސެސްކުރާ އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ އެ ބޭންކުގެ ފަރާތުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޓްރައިން ޕްރީޓިންގް ފެސިލިޓީ އާއި، ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި، ފިޝްމީލް ޕްލާންޓަކާއި، އައިސް ޕްލާންޓަކާއި މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ފެލިވަރުގައި ގާއިމުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ހަމަ މި މަޝްރޫއުގެ ދަށުން، ގއ.ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރެވިގެންދާނެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ބާނާ ގިނަ އަދަދެއްގެ މަސް، ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުން އެ މަހުން ލިބޭ އާމްދަނީ ދަށް ވުމެވެ. އެހެންކަމުން މިކަމަށް އަލިމަގެއް ހޯދައި، މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަން ޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޕްރޮސެސްކުރުމަށް ފަހު ބޭރުކުރާ މަހުގެ މިންވަރު އިތުރު ކުރުމެވެ. މިގޮތުން މި މަޝްރޫއުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރީންނަށާއި، މިފްކޯއަށާއި މުޅި ގައުމުގެ އިގްތިސޯދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ ކަމަށާއި، އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލައި ކިރޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.