ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވާފައި ކަމަށެވެ.

މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސާ ހިއްސާކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ށ. އަތޮޅުގެ ކައުންސިލާއި ރ. އަތޮޅުގެ ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވައި އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ އެކި ރަށްތަކަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ހޯއްދަވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ ރ. އަލިފުށީގައި އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިފުތިތާހުކޮށްދެއްވައިފައެވެ. އަދި ރ. މަޑުއްވަރީގެ މަލްޓި ޕާޕަސް ހޯލްވެސް ރައީސް ވަނީ ހުޅުވައިދެއްވައިފައެވެ.

މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އެ ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވައިފައެވެ. އަދި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތުވެސް ބައްލަވާލައްވައިފައެވެ.