ބަރުލަމާނީ ކެމްޕެއިން އިއުލާނުކުރުމަށް މާލެތެރޭގައި ދުއްވި ޕިކަޕް ހުއްޓުވައި، އެ ޕިކަޕްގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފިއެވެ.
ހަމަލާ ދީފައި ވަނީ ބަރުލަމާނީ ކެމްޕެއިން ޓީމްގެ ފަރާތުން ވެސްޓް ޕާކު ސަރަހައްދުގައި މިރޭ ބާއްވަން ހަމަޖައްސާފައިވާ ބަރުލަމާނީ ކެމްޕެއިން ރަސްމީކޮށް ލޯންޗުރުމުގެ ހަރަކާތް އިއުލާނު ކުރުމަށް މިއަދު ހަވީރު މާލެ ތެރޭގައި ދުއްވި ޕިކަޕަށެވެ.
ބަރުލަމާނީ ކެމްޕެއިން ޓީމްގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް "ވަން" އަށް މިރޭ ވިދާޅުވީ ފަސް މީހުންގެ ގްރޫޕަކުން އައިސް ޕިކަޕަށް ހުރަސް އަޅައި، ގަދަކަމުން ޕިކަޕަށް އަރައި އޭގައި ހުރި ސައުންޑް ސިސްޓަމް ހަލާކުކޮށްލާފައިވާ ކަމަށެވެ.
"އެމީހުން އައިސް ސައުންޑް ސިސްޓަމް ހަލާކުކޮށްލީ. އެ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ މިހާރު،" ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ ޕިކަޕަށް ހަމަލާދިނުމުގެ ފަހަތުގައި ސިޔާސީ ބައެއް ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބަރުލަމާނީ ޕެޓިޝަންގައި ސޮއި ހޯދަން މަސައްކަތް ފެށި ފަހުން އެކިއެކި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޕިކަޕަށް ހަމަލާދިން މައްސަލަ ބަރުލަމާނީ ކެމްޕެއިން ޓީމްގެ ފަރާތުން މިހާރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށްދާއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުންނާއި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ހިމެނޭހެން 50،000 ވުރެ ގިނަ މީހުން ވަނީ އެ ޕެޓިޝަނުގައި ސޮއިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު