ގައުމީ އެއާލައިން، މޯލްޑިވިއަންގައި މަސައްކަތް ކުރަމުން އައި ޕައިލެޓުންތަކެއް އިސްތިއުފާދިން ނަމަވެސް ހިދުމަތަށް ބުރޫ ނާރާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް މިއަދު "ވަން" އަށް ވިދާޅުވީ، މޯލްޑިވިއަންގައި މަސައްކަތް ކުރަމުންދިޔަ ހަތް ޕައިލެޓުން މި މަހު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.

އެމީހުން ވަޒީފާއިން ވަކިވެފައިވަނީ ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޕައިލެޓުން އިސްތިއުފާދިން ނަމަވެސް މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި ކުރިންވެސް ކުރިއަށްދާ ގޮތަށް އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަމަށެވެ.

އިސްތިއުފާ ދިން ހަތް ޕައިލެޓުންނާއި މެނޭޖްމެންޓާ ދެމެދު މީގެ ކުރިންވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.