އެޑިޔުކޭޝަން ގާނޫނުގެ ދަށުން އުފައްދަންޖެހޭ "ޓީޗާސް ރެޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތައުލީމުގެ ގާނޫނުގެދަށުން މުދައްރިސުން ރެޖިސްޓާ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި މިނިސްޓްރީން އުފެއްދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ "ޓީޗާސް ރެޖިސްޓްރޭޝަން ބޯޑު" އެކުލަވާލައި މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ބޯޑުގެ ރެޖިސްޓްރާގެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރާއި އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާއަށް އެޑިއުކޭޝަން އޮފިސަރު ނަހުޒާ ޝަރީފާއި ކިޔަވައިދިނުމުގެ ދާއިރާއަށް އެޑިއުކޭޝަން އޮފިސަރު ޔުސްރާ މުރާދެވެ.

އޭގެ އިތުރުން ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާއަށް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސާ ކޯޑިނޭޓަރު އާމިނަތު މުހައްމަދާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ އަށް އެޑިއުކޭޝަން އޮފިސަރު ފައުޒިއްޔާ އަލީ ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.