ކުރިން ގައުމީ ބާސްކެޓް ޓީމަށް ކުޅެފައިވާ ލެޖެންޑަރީ ކުޅުންތެރިޔާ އަހުމަދު ފަޔާޒު (ދިގު ފަޔާ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ކުރަމުންދިޔަ ފަޔާ މިއަދު ނިޔާވެފައިވަނީ ހއ. ހޯރަފުށީ އެއާޕޯޓުގައި އިންސްޕެކްޝަން މަސައްކަތެއް ކުރަން އެ ރަށަށް ގޮސް ހުއްޓައެވެ. ކުޅިވަރުގައި، ހާއްސަކޮށް ބާސްކެޓުގައި ކާމިޔާބު ތަރިއެއްގެ ގޮތުގައި ފަޔާ ފާހަގަ ކޮށްލެވިފައިވާ އިރު، އޭނާގެ ކުއްލި މަރާއެކު ކުޅިވަރު އާއިލައިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ފަޔާ އަކީ އެމްއޭސީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީ، ގިނަ ބަޔެއްގެ ލޯތްބާއި އިހުތިރާމު އެކަމުން ވެސް ހޯދާފައިވާ ބޭފުޅެކެވެ.
ފަޔާގެ ކުއްލި ވަކިވުމާއެކު ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ބުނީ ފަޔާ ދޫކޮށްފައިވާ ލެގަސީ ތާ އަބަދަށް ތާރީހުގައި ލިޔެވޭނެ ކަމަށާއި، ފަޔާއަކީ މުޅި ބާސްކެޓް އާއިލާގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ޝަހުސިއްޔަތެއް ކަމަށެވެ. އޭގެ އިތުރުން ފަޔާއަކީ ޒުވާން ޖީލެއް ބިނާކުރުމުގައި މުހިއްމު މަސައްކަތެއް ކޮށްފައިވާ ފަރާތެއްކަންވެސް އެމްބީއޭއިން ފާހަގަކޮށްފައިވެއެވެ.
ގައުމީ ބާސްކެޓް ޓީމަށް ކުޅުނު ފަޔާ ވަނީ ކްލަބު ވެލެންސިއާގެ އިތުރުން ޔޫތު ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް އަދި އީގަލްސްގެ އިތުރުން ވިކްޓަރީގެ ބާސްކެޓް ޓީމަށް ކުޅެފައެވެ. ފަޔާގެ އެންމެ ފަހު ސީޒަނަކީ 2004 ވަނަ އަހަރުގައި ވިކްޓަރީގައި ހޭދަކުރި އަހަރެވެ.
ފަޔާގެ ކާމިޔާބު ކެރިއަރު ނިންމައި، އޭނާ ފަހަކަށް އައިސް ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ޔޫތު ޑެވަލޮޕްމަންޓުގެ މަސައްކަތެވެ. ފަޔާގެ އެ މަސައްކަތަށް ގިނަ ބަޔަކު މިހާރުވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.
ފަޔާގެ ކުއްލި މަރާ ގުޅިގެން އެމްއޭސީއެލްއިންވެސް ވަނީ އެކަމުގައި ހިތާމަ ފާޅުކޮށްފައެވެ. ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުރި ފަޔާގެ ވަކިވުމާއެކު އެމްއޭސީއެލްއިން ވަނީ އާއިލާއަށް ހިތްވަރުދީ، ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ